ރާއްޖޭގައި ތިބި ބަންގްލަދޭޝް މައްސަކަތްތެރިންތަކެއް
ރާއްޖޭގައި ތިބި ބަންގްލަދޭޝް މައްސަކަތްތެރިންތަކެއް
ވޯލްޑް ބޭންކުން ނެރުނު "އިންޓަރނޭޝަނަލް ޑެބް ރިޕޯޓް 2026" ގައިވާ ގޮތުން، ފާއިތުވި ދިހަ އަހަރު ދުވަހުގެ ތެރޭގައި ބަންގްލަދޭޝްގެ ބޭރުގެ ދަރަނި ވަނީ ތިންގުނައަށް އިތުރުވެފައެވެ. މިއީ ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ރާއްޖެ ފިޔަވައި އެންމެ އަވަސް މިނެއްގައި ދަރަނި އިތުރުވި ގައުމެވެ.

2015 ވަނަ އަހަރު ބަންގްލަދޭޝްގެ ބޭރުގެ ދަރަނި 38 ބިލިއަން ޑޮލަރުގައި ހުރިއިރު، 2025 ވަނަ އަހަރުގެ ނިޔަލަށް އެ އަދަދު ވަނީ 113 ބިލިއަން ޑޮލަރަށް އުފުލިފައެވެ. މިއާއެކު އެ ގައުމު ވެފައިވަނީ ދެކުނު އޭޝިއާގައި ތިންވަނައަށް އެންމެ ބޮޑު ދަރަނި އޮތް ގައުމަށެވެ.

އިގްތިސާދީ މާހިރުން ފާހަގަކުރައްވާ ގޮތުގައި، ދަރަނި ދެއްކުމުގެ ގާބިލުކަން ބަންގްލަދޭޝްގައި މިވަގުތު ހުރި ނަމަވެސް، މި އަވަސްމިނުގައި ދަރަނި ނަގައި އެ ފައިސާ ނަފާލިބޭ ގޮތުގައި ބޭނުން ނުކުރެވިއްޖެނަމަ، އެ ގައުމަށް ކުރިމަތީގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހިދާނެއެވެ.

ދެކުނު އޭޝިއާ ސަރަހައްދަށް ބަލާއިރު، އެންމެ ބޮޑު ބޭރުގެ ދަރަންޏެއް އޮތީ އިންޑިއާގައެވެ. އިންޑިއާގެ ދަރަނި 764 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ޕާކިސްތާނުގެ ދަރަނި އުޅެނީ 135 ބިލިއަން ޑޮލަރުގައެވެ. ސިލޯނުގެ ދަރަނި 57 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ނޭޕާލުގެ ދަރަނި 11 ބިލިއަން ޑޮލަރަށް އަދި ބޫޓާންގެ ދަރަނި އުޅެނީ 3.3 ބިލިއަން ޑޮލަރުގައެވެ.

މީގެ އިތުރުން ރާއްޖޭގެ ދަރަނި ވަނީ ހަތަރުގުނައަށް ވުރެ އިތުރުވެ، 4.7 ބިލިއަން ޑޮލަރަށް އަރާފައެވެ.

2025 ވަނަ އަހަރު ބަންގްލަދޭޝްއިން އެކްސްޕޯޓްކޮށްގެން ލިބުނު އާމްދަނީގެ 16 އިންސައްތަ ހޭދަކޮށްފައިވަނީ ބޭރުގެ ދަރަނިތަކުގެ އިންޓަރެސްޓާއި ޕްރިންސިޕަލް ދެއްކުމަށެވެ.

މިއީ އޭގެ ކުރީ އަހަރަށްވުރެ 3.1 އިންސައްތައިގެ ދަށްވުމެކެވެ. ނަމަވެސް، އިންޑިއާ އަދި ސަރަހައްދީ އެވްރެޖް ކަމަށްވާ 10 އިންސައްތައާ އަޅާބަލާއިރު މިއީ އަދިވެސް މަތީ އަދަދެކެވެ.

ބަންގްލަދޭޝްގެ ގައުމީ އާމްދަނީ ގެ ނިސްބަތުން ދަރަނި އަދާކުރަން ހޭދަވަނީ 2 އިންސައްތައެވެ. އެހެންނަމަވެސް، އަހަރީ އެކްސްޕޯޓް އާމްދަނީއާ އަޅާބަލާއިރު ބޭރުގެ ދަރަނި އުޅެނީ 210 އިންސައްތައިގައެވެ.

މިއީ އެ ގައުމަށް އެކްސްޕޯޓުން ލިބޭ އާމްދަނީއަށްވުރެ ދެގުނަ އިތުރު އަދަދެކެވެ.

ވޯލްޑް ބޭންކުގެ ޑާކާ އޮފީހުގެ ކުރީގެ ލީޑް އިކޮނޮމިސްޓް ޒާހިދު ހުސައިން ވިދާޅުވި ގޮތުގައި، ދަރަނި ނެގުމާއި އެ ފައިސާ ބޭނުންކުރުމުގައި ބަންގްލަދޭޝްއިން ސަމާލުނުވެއްޖެނަމަ، ސްރީލަންކާއަށް ކުރިމަތިވިފަދަ އިގްތިސާދީ ކާރިސާއަކާ ކުރިމަތިލާންޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި، ގައުމެއްގެ ދަރަނި ދެއްކުމުގެ ގާބިލުކަން ވަޒަންކުރުމުގައި އެކްސްޕޯޓް އާމްދަނީއަކީ ވަރަށް މުހިންމު ބަހާއެކެވެ. ބަންގްލަދޭޝްގެ އެކްސްޕޯޓް އާމްދަނީ ބޮޑުބައެއް ބުރަވަނީ ހަމައެކަނި ގާމެންޓް ސިނާއަތަށް ކަމަށްވުމުން، އެ ގައުމުގެ އިގްތިސާދީ ރައްކާތެރިކަން ކުޑައެވެ.

ސެންޓަރ ފޯ ޕޮލިސީ ޑައިލޮގް ގެ ޑިސްޓިންގުއިޝްޑް ފެލޯ ޕްރޮފެސަރ މުސްތަފިޒުުރު ރަހުމާން ވިދާޅުވީ، ފަހަކަށް އައިސް ނަގާ ލޯނުތަކުގެ އިންޓަރެސްޓް ރޭޓް މަތިވެ، ލޯނު ދައްކަން ލިބޭ މުއްދަތާއި ގްރޭސް ޕީރިއަޑް ކުރުވަމުންދާ ކަމަށެވެ.

ނިމުނު މާލީ އަހަރު ސަރުކާރުން ދަރަނި ދެއްކުމަށް 4.9 ބިލިއަން ޑޮލަރު ހޭދަކުރިއިރު، 2029 ވަނަ އަހަރާ ހަމައަށް މި އަދަދު 7.6 ބިލިއަން ޑޮލަރަށް އުފުލޭނެ ކަމަށް ލަފާކުރެވެއެވެ. އެހެންކަމުން، އެކްސްޕޯޓް އިތުރުކުރުމާއި، އެތެރޭގެ އާމްދަނީ އިތުރުކުރުމުގެ އިތުރުން ބޭރުގެ ލޯނުތައް ނެގުމުގައި ކުރިއަށްވުރެ ރަނގަޅު ޝަރުތުތަކެއް ހޯދުމަށް މަސައްކަތްކުރުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު