ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކަށް ބޮން އެޅުން
ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކަށް ބޮން އެޅުން
ލުބްނާނުގެ ދެކުނުގެ ސަރަހައްދުތަކަަށް އިޒްރޭލުން އަނެއްކާވެސް ބޮން އަޅައިފިއެވެ.

ރިޕޯޓުތައް ބުނާގޮތުގައި މި ހަމަލާތައް ދީފައި ވަނީ ޖައްޒީން އަދި ޒަހްރާނީ ސަރަހައްދުގެ ފަރުބަދަތަކާއި ވާދީތަކަށެވެ. މީގެ ތެރޭގައި އަލް-އާޢިޗިޔާ ކައިރި، އަލް-ޒުރާރިޔާ އަދި އަންސާރު ދެމެދު، އަދި ޖަބަލް އަލް-ރާފިޢީގެ ވަށައިގެންވާ ސަރަހައްދުތަކާއި ބައެއް ޓައުންތަކުގެ ބޭރުފުށުގެ ސަރަހައްދުތައް ހިމެނޭ ކަަމަށް ރިޕޯޓުތަކުގައި ވެއެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ މި ހަމަލާތައް ދިނީ ހިޒްބުﷲގެ އެލިޓް ރަދުވާން ފޯސްއިން ހަތިޔާރާއި އެކު ތަމްރީނުކުރުމަށް ބޭނުންކުރާ ތަނަކަށް ކަމަށާއި، އެ ތަންތަން ބޭނުންކުރަނީ އިޒްރޭލުގެ ސިފައިންނާއި ރައްޔިތުންނަށް ހަމަލާ ދިނުމަށް ރާވާފައިވާ ތަންތަނުގެ ގޮތުގައި ކަމަށެވެ.

ބެއިރޫތުން ވާހަކަދައްކަވަމުން އަލް ޖަޒީރާގެ ޒައިނާ ޚުދުރް ބުނީ، ލުބްނާނުގައި އޮތް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކީ "އެއް ފަރާތެއްގެ އެއްބަސްވުމެއް" ކަމަށެވެ. ސަބަބަކީ އިޒްރާއިލުން ލުބްނާނަށް ހަމަލާދިނުން ހުއްޓާނުލުންކަމަށް ފާހަގަކުރިއެވެ. ޚުދުރް ބުނީ އެންމެ ފަހުގެ ހަމަލާތައް އަމާޒުކޮށްފައިވަނީ މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ނޫންކަމަށެވެ. އަދި މި ހަމަލާތައް އަމާޒުކުރީ ފަރުބަދަތަކާއި ވާދީތަކަށް، އާބާދީ ބޮޑު ސަރަހައްދުތަކަކަށް ނޫން ކަމަށާއި، މިގޮތަށް ހަމަލާދިނުމަކީ އިޒްރޭލުން މިހާރު ވަރަށް ގިނައިން ކުރަމުންދާ ކަމެއް ކަމުގައި އޭނާ ވަނީ ފާހަގަކޮށްފައެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ ރޮކެޓް ލޯންޗްކުރާ ތަންތަނާއި އެހެނިހެން އިންފްރާސްޓްރަކްޗަރަށް ވެސް ހަމަލާދީފައިވާ ކަމަށާއި، މި އޮޕަރޭޝަންތަކަކީ އިޒްރޭލާއި ލުބްނާނާ ދެމެދު އޮތް އެއްބަސްވުންތަކާ ޚިލާފުވާ ކަންކަމާ ދެކޮޅަށް އަޅާ ފިޔަވަޅުތަކެއް ކަމަށެވެ.

2024 ވަނަ އަހަރު ފަހުކޮޅު ހަނގުރާމަ ހުއްޓާލުމުގެ އެއްނަސްވުމެއް އެކުލަވާލި ނަަމަވެސް އިޒްރޭލުން ވަނީ އެތައް ފަހަރަކު އެ އެއްބަސްވުމާ ހިލާފުވެފައެވެ. އދ. އިން މިދިޔަ ނޮވެމްބަރުގައި އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، އެއްބަސްވުން އެކުލަވާލި ފަހުންވެސް އިޒްރޭލުގެ ހަމަލާތަކުގައި ކުޑަކުދިން ހިމެނޭހެން ލުބްނާނުގެ މަދުވެގެން 127 އާންމުން ވަނީ މަރުވެފައެވެ.

އަލްޖަޒީރާއިން ވަނީ މި ހަމަލާތަކަކީ ހިޒްބުﷲއަށް ހަތިޔާރު ބަހައްޓަން މަޖުބޫރުކުރުމަށް ދެމުންދާ އަސްކަރީ ޕްރެޝަރުގެ ބައެއް ކަމަށް ސިފަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު