ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާއެކު ބޭއްވި ބައްދަލު ކުރެއްވުން
ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާއެކު ބޭއްވި ބައްދަލު ކުރެއްވުން
ކުރިއަށް އޮތް 2 އަހަރު އެސްއެމްއީތައް ކުރިއެރުވުމަށް ހާއްސަ ފިޔަވަޅުތަކެއް ތަންފީޒު ކުރަށްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މީސްމީޑިއާގައި މިއަދު ޙިއްސާ ކުރެއްވި މެސެޖެއްގައި ރައީސް ވިދާޅުވީ، އެ ފިޔަވަޅުތައް ތަންފީޒު ކުރަށްވަނީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ދާއިރާގެ ވިޔަފާރިވެރިންނާއެކު މިމަހުގެ 17 ވަނަދުވަހު ބޭއްވުނު ބައްދަލުވުމުގައި ވިޔަފާރިވެރިން ފާހަގަކުރި ކަންކަމުގެ އަލީގައި ކަމަށެވެ.

އެގޮތުން އެ ދާއިރާ ކުރިއެރުވުމަށް މެނިފެސްޓޯގައި ކަނޑައަޅާފައިވާ ކަންކަމާއި ސަރުކާރުން އެ ދާއިރާއާއި ގުޅޭގޮތުން ކުރިއަށް ގެންދާ އެކިކަންކަމުގެ ނަތީޖާ ހެޔޮގޮތުގައި ބައްޓަންކުރުމަށްޓަކައި، ކެބިނެޓުގައި މިދިޔަ ބުދަ ދުވަހު މަޝްވަރާކުރެވި ގިނަގުނަ ކަންތައްތަކެއް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން ވިޔަފާރިވެރިންގެ ބައްދަލުވުމުގައި އިޢުލާނު ކުރި ކަންކަމުގެ އިތުރުން، ކުރިއަށް އޮތް ދެ އަހަރު ދުވަހަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ޚާއްސަ ފިޔަވަޅުތަކެއް ތަންފީޒު ކުރާނެ ދެ އަހަރު ގޮތުގައި ކަނޑައަޅާފައި ވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހަމައެއާއެކު ބައެއް ކަންކަން 2026 ވަނަ އަހަރުގެ ޖަނުވަރީ މަހުން ފެށިގެން ތަންފީޒު ކުރަން ފަށާނެ ކަމަށާއި މި ހުރިހާ ކަންކަމެއްގެ މަޢުލޫމާތު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ޢިއުލާން ކުރަމުން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު އެސްއެމްއީ ތަކުގެ ވިޔަފާރިވެރިންނާއި މި މަހުގެ 17 ވަނަ ދުވަހުގެ ރޭ ބޭއްވި ބައްދަލުކުރެއްވުމުގައި ގިނަ ކަންބޮޑުވުންތަކެއް ވިޔަފާރިވެރިން ފާޅުކޮށްފައިވެއެވެ. އެބައްދަލުވުމުގައި ރައީސް ވަނީ ކުންފުނިތަކަށް ސަރުކާރުން ދޭންޖެހޭ ފައިސާ އިން އެ ކުންފުނިތަކުން ސަރުކާރަށް ދައްކަންޖެހޭ ޓެކްސް އުނިކުރެވޭނެ އުސޫލެއް ގާއިމްކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު