އެމްޕީއެލް ޗީފް އެގްޒެކެޓިވް އޮފިސަރ، ކެޕްޓަން ޙުސައިން ޝަފީޤް
އެމްޕީއެލް ޗީފް އެގްޒެކެޓިވް އޮފިސަރ، ކެޕްޓަން ޙުސައިން ޝަފީޤް
އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫއަކީ ޞާލިޙު ޖީލެއް ބިނާކުރުމަށް އެޅޭ މުހިންމު ބިންގަލެއް ކަމަށް އެމްޕީއެލްގެ ސީއީއޯ ކެޕްޓަން ޙުސައިން ޝަފީޤް ވިދާޅުވެއްޖެއެވެ.

ޒަމާނުއްސުރެ ދިވެހީންގެ މެދުގައި އޮތް އެކަކު އަނެކަކަށް އިހްތިރާމް ކުރުމުގެ ރިވެތި އަޚްލާގު މުޖުތަމައުގައި އަލުން އިއާދަކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތެކެވެ. އެގޮތުން އެމަނިކުފާނުގެ ނިންމެވުމާ އެއްގޮތަށް، އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރު ދުވަހުގެ ފުޅާ މަޝްރޫއެއް މުޅި ރާއްޖޭގައި ކުރިއަށްގެންދިއުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.

މި މަޝްރޫޢާ ގުޅޭގޮތުން އެމްޕީއެލްގެ ސީއީއޯ ކެޕްޓަން ޙުސައިން ޝަފީޤް މިއަދު މީސްމީޑިއާގައި ވިދާޅުވީ، ދިވެހިންގެ މެދުގައި ރިވެތި އަޚްލާޤީ ސިފަތައް ދަމަހައްޓައި އަށަގެންނެވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ފައްޓަވާ "އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" އަކީ، ހެޔޮލަފާ، ޞާލިޙު ޖީލެއް ބިނާކުރުމަށްޓަކައި އެޅިގެންދާ ނުހަނު މުހިންމު ބިންގަލެއް ކަމަށެވެ.





"އިހުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި ޝިއާރުގެ ދަށުން ކުރިއަށްގެންދާ މި ޤައުމީ މަޝްރޫއު ރަސްމީކޮށް އިފްތިތާހް ކުރުމަށް ހަމަޖެހިފައިވަނީ މި ހިނގާ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ. މީގެއިތުރުން، ޤައުމީ ފެންވަރުގައި "ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް" އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ވެސް ވަޒީރުންގެ މަޖިލީހުން ވަނީ ކަނޑައަޅާފައެވެ.

މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ އެކުވެރި، އަމާން އަދި އިހްތިރާމް ކުރުމުގެ މަތިވެރި ސިފަ އަށަގެންފައިވާ ދިވެހި މުޖުތަމައެއް ބިނާކުރުމެވެ. މި ޤައުމީ މަޝްރޫޢު ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވަނީ ފަންނާއި ސަގާފަތާ ބެހޭ ވުޒާރާގެ އިތުރުން ދައުލަތުގެ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އެވެ.

މި ހަރަކާތްތައް ވިލަރެސްކޮށް ބެލެހެއްޓުމަށްޓަކައި 9 މެންބަރުންގެ ޚާއްޞަ ކޮމިޓީއެއް އެކުލަވާލާފައިވާއިރު، މި ކެމްޕޭން ފުޅާ ދާއިރާއެއްގައި ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށްޓަކައި ރާއްޖޭގެ 34 މީޑިއާއަކުން މިހާތަނަށް ވަނީ މި މަޝްރޫޢުގައި ބައިވެރިވެ ސޮއިކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް