ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުން
ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުން
ވަޒީފާއިން ރިޓަޔާކުރުމަށްފަހު، އަލުން ސަރުކާރުގެ ވަޒީފާއަށް ނުކުންނަ ނަމަ، ރިޓަޔަމަންޓް ޕެންޝަން ލިބުން ހުއްޓޭ ގޮތަށް ސިވިލް ސާވިސް ގަވައިދު މިއަދު އިސްލާހު ކޮށްފިއެވެ.

ސިވިލް ސާވިސް ގަވައިދަށް ގެނައި ބަދަލުގައި ބުނެފައިވަނީ، ވަޒީފާއިން މުސްކުޅި ކޮށްފައިވާ މުވައްޒަފަކު އަލުން ދައުލަތުގެ މަގާމަކަށް އިންތިޚާބުވެއްޖެނަމަ ނުވަތަ ދައުލަތުގެ ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ވަޒީފާއެއް ހަމަޖެހިއްޖެ ނަމަ އެ ވަޒީފާގައި ދެމި ހުންނަ މުއްދަތުގައި އެ ފަރާތަކަށް މުސްކުޅިކުރުމުގެ އިނާޔަތެއް ނުލިބޭނެ ކަމަށެވެ.

މި ގޮތުން ކުރިން ލިބެމުންދިޔަ މުސްކުޅި ކުރުމުގެ އިނާޔަތުގެ ފައިސާ މަހުންމަހަށް ދޫކުރަން ފެށޭނީ، އެ ވަޒީފާއިން ވަކިވާ މަހާ ޖެހިގެން އަންނަ މަހުން ފެށިގެންނެވެ.

ގަވައިދުގައި އިތުރަށް ބުނެފައިވަނީ، ރިޓަޔާކޮށްފައިވާ ފަރާތެއް އަލުން ވަޒީފާއަށް ނުކުންނަ ނަމަ ވަޒީފާ އަދާކުރަން ފަށައިފައިވާކަން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހަށް އަންގަންވާނެ ކަމަށެވެ. އަދި ނާންގައި އޮތުމުގެ ސަބަބުން އެފަދަ ވަޒީފާއެއްގައި ހުރި މުއްދަތުގައި އެ ފަރާތަކަށް މުސްކުޅިކުރުމުގެ އިނާޔަތް ދޫކުރެވިއްޖެ ނަމަ، އެ ފައިސާ އަނބުރާ ދައްކަން ޖެހޭނެއެވެ.

ރާއްޖޭގައި ރިޓަޔަކުރުމަށްފަހު، ދައުލަތުގެ އެކި އޮފީސްތަކުގައި މަސައްކަތް ކުރަމުން އަންނަ މީހުން ގިނަވަމުން އަންނައިރު، އޭގެތެރޭގައި ކުރީގެ ފުލުހުންނާއި ސިފައިން ހިމެނެއެވެ. މީގެ އިތުރުން، ބައެއް ކުންފުނިތަކުގައި މަސައްކަތްކޮށް ރިޓަޔަކުރުމުން އެ ކުންފުންޏަކުން ދޭ ޕެންޝަންގެ އިތުރަށް ރިޓަޔަމަންޓް ޕެންޝަން ލިބޭ "ޑަބަލް ޕެންޝަން" ލިބުން ވެސް ރާއްޖޭގައި އާންމުކަން ފާހަގަކުރެވެއެވެ.

ރާއްޖޭގައި މިހާރު އޮތް ޕެންޝަން ނިޒާމާއި، އިންޝުއަރެންސް ނިޒާމަކީ ދައުލަތުން އިސްރާފުވާ ފައިސާ މަދުކުރުމަށް ރިފޯމްކުރަންޖެހޭ މުހިންމު ދެ ނިޒާމު ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު