ސިވިލް ސަރވިސް ކޮމިޝަންގެ ބައެއް މެންބަރުން
ސިވިލް ސަރވިސް ކޮމިޝަންގެ ބައެއް މެންބަރުން
ސިވިލް ސާވިސްގައި ވަޒީފާ އަދާކުރާ އަންހެން މުވައްޒަފުން ބެގީ ނުކުރެވޭ ގޮތަށް، ފަލަމަސްގަނޑުން ތިރިއަށް ދެ އިންޗި އަށް ވުރެ ކުރު ނޫން މިންވަރަކަށް ހެދުން ދިގުކުރަން އަންގައިފިއެވެ.

ސިވިލް ސާވިސް ކޮމިޝަނުން ދިވެހި ސިވިލް ސާވިސްގެ ގަވާއިދު އިސްލާހުކޮށް އިއްޔެ ގެޒެޓުގައި އާންމުކޮށްފައި މިވަނީ، ސިވިލް ސާވިސް މުވައްޒަފުންގެ ހެދުން އެޅުމުގެ އަހުލާގީ މިންގަނޑު ދަށްކަން ފާހަގަކުރައްވައި، އެ އުސޫލު ބަދަލުކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ލަފާ އެރުވުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ކޮމިޝަނުން ނިންމާފައިވަނީ، އަންހެން މުވައްޒަފުންގެ ހެދުމުގެ ގޮތުގައި ދިގު ހެދުން ނުވަތަ ދިވެހި ލިބާސް ނުވަތަ އޮފީސް ހެދުން ބޭނުން ކުރެވިދާނެއެވެ. އަދި ހެދުން ހުންނަންވާނީ ފައިގެ ތަނބިކައްޓަށްވުރެ ކުރުނުވާ ގޮތަށް ކަމަށާއި އެ ހެދުމަކީ މާހައުލާ ގުޅޭ ފޮއްޗަކުން ތައްޔާރުކޮށްފައިވާ ހެދުމަކަށް ވާންވާނެ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.

ކޮންމެ ބާވަތެއްގެ ހެދުމެއްގެ ވެސް ކަރު ހުންނަންވާނީ މުޖުތަމައުގެ އަދަބާ ހިލާފުނުވާ ގޮތަށް ކަރުވަޅު ނިވާވާ ގޮތަށް ކަމަށާއި އަދި އަތްކުރު ހެދުމެއް ނަމަ އަތް ހުންނަންވާނީ އެ މީހެއްގެ ކޮނޑުހުޅާއި އުޅަބޮށްޓާ ދެމެދަށްވުރެ ކުރުނުވާ ވަރަށް ކަމަށެވެ. އަދި އަތްދިގު ހެދުމެއް ނަމަ، ހެދުމުގެ އަތް ހުންނަންވާނީ އަތުގެ ކުޑަހުޅަށްވުރެ ދިގުނުވާ ވަރަށް ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.

ހެދުމުގެ މަތީބައި، ގަމީސް އަދި ސޫޓު ޖެކެޓުގެ މަތީބައިގެ އަރިމަތިން، ކުރިމަތިން، ފުރަގަހުން އަދި ތިރިން ފަޅާފައި ހުންނަ ނަމަ، ފަޅާފައި ހުންނަބައި ހުންނަންވާނީ މައްޗަށް އަތް ދަމާލީމާ އުނަގަނޑުން ތިރީބަޔާއި އުނަގަނޑުން މަތީބަޔާ ދެމެދުން ހަށިގަނޑުގެ އެއްވެސް ތަނެއް ނުފެންނަ ވަރަށް ކަމަށާއި، އަދި އެފަދަ ހެދުމުގެ ދިގުމިން ހުންނަންވާނީ، ފޫކޮޅު ނިވާވެ، ފަލަމަސްގަނޑުގެ ތިރީ ކައިރިން ފެށިގެން މައްޗަށް ދެ އިންޗިއަށްވުރެ ހެދުން ކުރުނުވާ ގޮތަށް ކަމަށެވެ.

ހަމައެއާއެކު ފަޓުލޫނާއި، ހަރުވާޅު ނުވަތަ ޖެކެޓާއެކު ލާ ފަޓުލޫނު ނުވަތަ ހަރުވާޅަކީ އޮފީހުގެ މާހައުލާ ގުޅޭ ފޮއްޗަކުން ތައްޔާރުކޮށްފައިވާ އެއްޗެހި ކަމުގައި ވާންވާނެ ކަމަށްވެސް އިސްލާޙުގައިވެއެވެ.

ސިވިލް ސާވިސް އަންހެން މުވައްޒަފުންގެ ހެދުން އެޅުމަށް މިގެނައި ބަދަލާ ގުޅިގެން ދެން ސިވިލް ސާވިސްގައި ވަޒީފާ އަދާކުރާ އަންހެން މުވައްޒަފުން ބެގީ ކުރާނަމަ އޭގެ މަތިން އިތުރު ޖެކެޓެއް ނުވަތަ ކޯޓެއް ލާންޖެހޭނެއެވެ.

އޭގެއިތުރުން އޮފީހުގައި ނުވަތަ ރަސްމީ މަސައްކަތުގައި އުޅޭއިރު މުވައްޒަފުން ތިބެންވާނީ އޮފީސް ބޫޓުގައި ނުވަތަ އޮފީހާ އެކަށީގެންވާ ފައިވާނުގައި ކަމަށް ޤަވާއިދުގައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު