ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި، ޑރ. މުޙައްމަދު ޢިޔާޒް
ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި، ޑރ. މުޙައްމަދު ޢިޔާޒް
އައު އަހަރު ފާހަގަކުރުމުގެ ނަމުގައި ސަރުކާރުން ހިންގާ ހަރަކާތްތަކަކީ ބޮޑު އިސްރާފެއް ކަމަށާއި، މިއީ ގައުމުގެ ދަރަނީގެ ހާލަތަށް ބަލާއިރު ނުހަނު ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅިގެން މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި، ޑރ. އިޔާޒް ވިދާޅުވީ، ދީނަށް ވަރަށް ބޮޑަށް ލޯބިކުރަށްވާ ކަމަށް ރައްޔިތުންނަށް ދައްކަވައިގެން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅަކު، އައު އަހަރު ފާހަގަކުރުން ފަދަ މުންކަރާތްތަކަށް މަގުފަހިކޮށް ދެއްވުމަކީ އެ ބޭފުޅެއްގެ މުނާފިޤުކަން އިތުރަށް ހާމަވެގެންދާ ކަމެއް ކަމަށެވެ.

މީގެ އިތުރުން، ގައުމުގެ އިގްތިސާދީ ހާލަތަށް އަލިއަޅުއްވާ ލައްވަމުން ޑރ. އިޔާޒް ވަނީ، މިފަދަ ބޭކާރު ކަންތައްތަކަށް ދައުލަތުގެ ބަޖެޓުން އިސްރާފު ކުރެވެމުންދާ ފައިސާގެ މިންވަރާމެދު ސުވާލު އުފައްދަވާފައެވެ. ވަކިން ހާއްސަކޮށް، 2026 ވަނަ އަހަރަކީ ރާއްޖެއިން ބޮޑު ދަރަންޏެއް ދައްކަންޖެހޭ އަހަރަކަށް ވާއިރު، އެކަމުގެ ހަނދާން ސަރުކާރުން ނެތުނީތޯ އޭނާ ސުވާލު ކުރެއްވިއެވެ.

"2026 ގައި ބޮޑު ދަރަންޔެއް ދައްކަންޖެހޭކަން އެމަނިކްފާނު ހަނދާންނެތުނީބާ؟" ޑރ. އިޔާޒް ސުވާލު ކުރެއްވިއެވެ.



އޭގެއިތުރުން އިސްލާމީ އަގުތަކާއި އުސޫލުތައް ދެމެހެއްޓުމުގެ ވައުދާއެކު ވެރިކަމާ ހަވާލުވެވަޑައިގެން ތިއްބަވައި، މިފަދަ ދީނާ ޚިލާފު ކަންކަމަށް ހިތްވަރު ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ޑރ. އިޔާޒް ވިދާޅުވިއެވެ.

ގައުމު އިގްތިސާދީ ގޮތުން ދަތި އުނދަގޫ ދުވަސްވަރެއް ފާއިތުކުރަމުންދާއިރު، މުނިފޫހިފިލުވުމުގެ ނަމުގައި ހިންގާ މިފަދަ ބޮޑެތި ޚަރަދުތަކަކީ ދިވެހި ރައްޔިތުންގެ ފައިސާއަށް ވެވޭ އިހުމާލެއް ކަމަށް ޑރ. އިޔާޒް ވިދާޅުވެފައިވާއިރު، އާއަހަރު ފާހަގަ ކުރުމަށް ސަރުކާރުން ވަނީ އަގު ބޮޑު ޑްރޯން ޝޯވ އާއި، ހަވާ އެރުވުމުގެ އިވެންޓެއް ކުރިޔަށް ގެންގޮސްފައެވެ.



ކިޔުންތެރިންގެ ހިޔާލު