ދެޖިންސް މަސްހުނިކޮށް ކިޔަވައިދޭ ސްކޫލެއް
ދެޖިންސް މަސްހުނިކޮށް ކިޔަވައިދޭ ސްކޫލެއް
ދިވެހިރާއްޖޭގެ ސްކޫލް މަދަރުސާތަކަކީ އިސްލާމީ އުސޫލުތަކާ އެއްގޮތަށް ދަރިވަރުން ތަރުބިއްޔަތުކުރާ ތަންތަނަށް ހެދުމަށްޓަކައި، އަންހެން އަދި ފިރިހެން ދަރިވަރުން މަސްހުނި ނުވާނެހެން ކިޔަވައިދިނުމުގެ ނިޒާމު އިސްލާހުކޮށްދެއްވުމަށް ރާއްޖޭގެ ތައުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢުއަށް ޢިލްމުވެރިންގެ ގުޅުމުން އިލްތިމާސް ކޮށްފިއެވެ.

މިކަމަށް އެދި ތައުލީމީ ވަޒީރަށް ފޮނުއްވި ސިޓީގައި ޢިލްމުވެރިން ވަނީ، 2008 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ބޮޑެތި ސްކޫލްތަކުގައި އަންހެން އަދި ފިރިހެން ކުދިން ތިބީ ވީހާވެސް ބޮޑަކަށް ވަކިކުރެވިފައިކަން ފާހަގަ ކުރަށްވާފައެވެ. ނަމަވެސް، 2008 ވަނަ އަހަރު އައި އައު ސަރުކާރާއެކު ތައުލީމީ ދާއިރާއަށް ގެނެވުނު ބަދަލުތަކަކީ އިސްލާމީ އުސޫލުތަކާއި ދިވެހީންގެ ސަގާފަތާ ބީރަށްޓެހި، ސެކިއުލަރ ފިކުރެއްގެ މައްޗަށް ބިނާވެފައިވާ ބަދަލުތަކެއް ކަމަށް އެ ސިޓީގައި ބަޔާން ކޮށްފައިވެއެވެ.

ޢިލްމުވެރިންގެ ގުޅުމުން ވަނީ ދާދިފަހުން މީސްމީޑިއާގައި ފެތުރުނު ވީޑިއޯއަކަށް އިޝާރާތް ކުރަށްވާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ ދެކުނުގެ ރަށެއްގެ ސްކޫލެއްގެ ކިލާސްރޫމް ތެރޭގައި ދެ ޖިންސުގެ ދަރިވަރުން ގައިގޯޅިވެ، ބޭއަދަބީކޮށް އުޅުނު މަންޒަރު ފެންނަ އެ ވީޑިއޯއަކީ ދެ ޖިންސު މަސްހުނިކޮށް ކިޔަވައިދިނުމުގެ ސަބަބުން ކުރިމަތިވާ އަޚްލާޤީ ދަށުދަރަޖައިގެ ކަމެއްގެ ގޮތުގައި އެ ޖަމްޢިއްޔާއިން ސިފަކޮށްފައިވެއެވެ.

މީގެ އިތުރުން، ދެ ޖިންސު މައްސުނި ކުރުމަކީ ދަރިވަރުންގެ އަޚްލާޤާއި ސުލޫކަށް އޭގެ ނޭދެވޭ އަސަރުކުރާ ކަމެއްކަން ހާމަކުރައްވަމުން، ދުނިޔޭގެ ކުރިއަރާފައިވާ މުއައްސަސާތަކުގެ ދިރާސާތަކަށް ޢިލްމުވެރިން ވަނީ ރިއާޔަތްކުރައްވާފައެވެ. އޭގެ ތެރޭގައި ހަވަރޑް ޔުނިވަރސިޓީއާއި ބީބީސީ ފަދަ ބައިނަލްއަޤުވާމީ މުއައްސަސާތަކުން ހަދާފައިވާ ދިރާސާތައް ހިމެނެއެވެ. އަދި ދެ ޖިންސު ވަކިކޮށްގެން ކިޔަވައިދިނުމަށް ދަލީލުކުރާ ކީރިތި ރަސޫލާ ﷺ ގެ ޒަމާނުގެ ބައެއް ހާދިސާތައްވެސް ސިޓީގައި ބަޔާންކުރައްވާފައިވެއެވެ.

ޢިލްމުވެރިންގެ ގުޅުމުގެ ސިޓީ ނިންމާލާފައިވަނީ، ސްކޫލްތަކުގެ ތައުލީމީ މާހައުލަކީ ދެ ޖިންސު މައްސުނި ނުވާނެ ފަދަ މާހައުލަކަށް ހެއްދެވުމަށްޓަކައި ކަމާގުޅޭ އުސޫލުތައް އިސްލާހުކޮށްދެއްވުމަށް އެދިލައްވަމުންނެވެ. ހަމައެއާއެކު، މިހާރުގެ މިނިސްޓްރީން ތައުލީމީ ދާއިރާއަށް ގެންނަމުންދާ އިސްލާމްދީނާ ރައްޓެހި ބަދަލުތަކަށް ޓަކައި އެ ޖަމްޢިއްޔާއިން ވަނީ ޝުކުރު އަދާކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު