ޑރ. އަލީ ޒާހިރު
ޑރ. އަލީ ޒާހިރު
އައުރަ ނިވާކުރުމަށް މަގުފަހިވާފަދަ ކަންކަމަކީ ދީނުގެ ދުޝްމަނުންނަށް ހަޖަމްކުރަން ދަތި އުނދަގޫ ކަމެއް ކަމަށް އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. ޢަލީ ޒާހިރު ބިން ސައީދު ޤާސިމް ވިދާޅުވެއްޖެއެވެ.

ޑރ. އަލީ ޒާހިރު މިހެން ވިދާޅުވެފައިވަނީ ސިވިލްސާވިސްގެ ހެދުން އެޅުމުގެ ގަވާއިދަށް ގެނައި ބަދަލާ ގުޅިގެން އިދިކޮޅު އެމްޑީޕީ އާއި ސިޔާސީ ދާއިރާގެ ބައެއް އިސް ބޭފުޅުން އެކަމަށް ފާޑުވިދާޅުވުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ޑރ. އަލީ ޒާހިރު ވިދާޅުވީ ޢައުރަ ނިވައި ކުރުމަށް ދީނުގައި ބާރު އަޅާފައިވާއިރު އެކަމަށް މަގުފަހިވާގޮތަށް އެއްވެސް ކަމެއް މެދުވެރިވެއްޖެނަމަ ޙަޤީޤީ މުސްލިމުން އެކަމަށް އުފާކުރާނެ ކަމަށެވެ. ނަމަވެސް ދީނުގެ ދުޝްމަނުންނަށް އެކަންވާނީ ހަޖަމްކުރަން ދަތި އުނދަގޫ ކަމަކަށް ކަމަށް ޑރ. އަލީ ޒާހިރު ވިދާޅުވިއެވެ.

ސިވިލް ސާވިސްގެ ގަވާއިދަށް ގެނައި އިސްލާހުގައިވާގޮތުން އަންހެން މުވައްޒަފުން ރަސްމީ މަސައްކަތަށް ނުކުންނައިރު އަޅާހެދުން ހުންނަންޖެހޭނީ ފޫކޮޅު ނިވާވާ ގޮތަށް ފަލަމަސްގަނޑާއި ހަމައަށެވެ. އަދި ކަރުވަޅުވެސް ހުންނަންވާނީ ނިވާކޮށްފައެވެ. މީގެ އިތުރުން އިސްތަށިގަނޑުގައި ފާޅުކަންބޮޑު ކުލަ ޖެއްސުންވެސް ވަނީ މަނާކޮށްފައެވެ.

މިކަމާ ގުޅިގެން އިދިކޮޅު އެމްޑީޕީން ވަނީ ސިވިލް ސާވިސްގެ އައު ޑްރެސްކޯޑު ވަގުތުން އުވާލުމަށްވެސް ގޮވާލާފައެވެ. އަދި ކުރީގެ ރައީސް ނަޝީދާއި، އެޕާޓީގެ ބައެއް އިސްވެރިންނާއި، ކުރީގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫންވެސް ވަނީ އެއީ އަންހެނުންގެ ޙައްޤުތަކަށް އަރައިގަތުން ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް އެމްޑީޕީން މި ބަދަލާ ގުޅިގެން ދެއްކި ވާހަކަތަކަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިން ވަނީ ވިދާޅުވެފައެވެ. އެގޮތުން އަންހެނާގެ ޢައުރަ ކަނޑައަޅުއްވާފައި ވަނީ މާތްވެގެންވާ އިސްލާމްދީނުގައި ކަމަށާއި އެކަމާ ޗެލޭންޖުކުރެވޭނެ އެއްވެސް މީހަކު ނުހުންނާނެ ކަމަށް ދީނީ އިލްމުވެރިން ފާހަގަ ކުރަށްވާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު