އާދަމް ޝަރީފް އަދި ސުޖާއު
އާދަމް ޝަރީފް އަދި ސުޖާއު
މިނިސްޓަރު އާދަމް ޝަރީފް އުމަރާއި ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީއާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކޮށް، ކޮރަޕްޝަންގެ ތުހުމަތުތަކެއް ކޮށްފިއެވެ.

މި މައްސަލަ ހޫނުވީ ސަރުކާރުން ކުރިއަށްގެންދާ ކައުންސިލް އިމާރާތް ކުރުމުގެ މަޝްރޫއާ ގުޅިގެން، އެއީ ކޮރަޕްޝަންގެ އަމަލެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފާޑުކިޔުންތައް އަމާޒުކުރަން ފެށުމުންނެވެ.

މިކަމާ ގުޅިގެން މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފް ވިދާޅުވީ، އެމަނިކުފާނު ދުވަހަކުވެސް ކޮރަޕްޝަންގެ އަމަލެއް ނުހިންގަވާނެ ކަމަށާއި، އެފަދަ ކަމަކަށް އެނގިހުރެ ފުރުސަތެއްވެސް ނުދެއްވާނެ ކަމަށެވެ.





އަދި އެއްވެސް ފަރާތަކަށް ކޮރަޕްޝަންގެ މައްސަލައެއް ފާހަގަވާނަމަ ނުވަތަ ޝައްކެއް ވީނަމަވެސް، އެކަން ކަމާބެހޭ މުއައްސަސާތަކަށް ހުށަހެޅުމަށް މިނިސްޓަރު އެދިވަޑައިގަތެވެ. އަދި ސިޔާސީ ގޮތުން އަގުވައްޓާލަން ދައްކާ ވާހަކަތަކަށް ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށާއި، ރައީސް ޑރ. މުއިއްޒުގެ ވައުދުތައް ފުއްދުމުގައި ސާބިތުކަމާއެކު ކުރިއަށްދާނެ ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

ނަމަވެސް، މިނިސްޓަރުގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ޝުޖާއު ވިދާޅުވީ ސަރުކާރުން ހިންގާ ކައުންސިލް އިމާރާތް ކުރުމުގެ މަޝްރޫއަކީ ކޮރަޕްޝަންގެ އަމަލެއްކަމަށް ބެލެވިދާނެ ކަމަށާއި، މި "ޖަރީމާގައި" މިނިސްޓަރު އާދަމް ޝަރީފް ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.

އަދި މިނިސްޓަރު މިހާރު ހަމަ ރަނގަޅަށްވެސް "ވަގެއްގެ ގޮޅިއަށް" ފެތިފައިވާ ކަމަށް ވިދާޅުވެ ޝުޖާއު ވަނީ މީސް މީޑިއާގައި މިނިސްޓަރަށް ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ.

ޝުޖާއު، ވަޒީރު އާދަނަށް މިމޭރުމުން ބަހުގެ ހަމަލާއެއް ދެއްވާފައިވާއިރު ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ރާއްޖޭގެ 55 ރަށެއްގައި ކައުންސިލް އިމާރާތް ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި އާރުސީސީއާއެކު ސަރުކާރުން ވަނީ 631 މިލިއަން ރުފިޔާގެ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު