މަޖިލީހުގެ މީދޫ ދާއިރާގެ ކުރީގެ މެމްބަރު ރޮޒެއިނާ އާދަމް
މަޖިލީހުގެ މީދޫ ދާއިރާގެ ކުރީގެ މެމްބަރު ރޮޒެއިނާ އާދަމް
އަންހެނުންގެ ހެދުން އެޅުމުގެ މިންގަނޑުތަކާ ގުޅޭގޮތުން ހަރުކަށި ގަވާއިދުތަކެއް ހަދަމުންދާ ދިއުމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ ކުރީގެ މެންބަރު ރޮޒައިނާ އާދަމް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

މީސް މީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި ރޮޒައިނާ ވިދާޅުވީ، އަންހެނުންނަށް އަމާޒުކޮށް ހަދާފައިވާ މިފަދަ ގަވާއިދުތަކާ މެދު ސުވާލު އުފެއްދުމަކީ ދީނުން ބޭރުވުން ކަމުގައި ބައެއް ފަރާތްތަކުން ސިފަކުރާތީ އެކަމާ މެދު ކަންބޮޑުވާ ކަމަށެވެ. އަދި ވަކި ޖިންސަކަށް ވީތީ ތަފާތުކުރުންތަކެއް ގެންގުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފިރިހެނުންގެ އައުރައާއި ހެދުން އެޅުމުގެ އާދަކާދަތަކަށް އިޝާރާތް ކުރައްވަމުން ރޮޒައިނާ ވިދާޅުވީ، އަންހެނުން ފަޓުލޫނު ލައިގެން ތިބޭއިރު އައުރަ ނިވާނުވާ ކަމަށް ބުނާނަމަ، ފިރިހެނުން ފަޓުލޫނު ލައިގެން ތިބޭއިރު އެކަން ތަފާތުވާންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި އަންހެނުންނަށް މަޖުބޫރުކުރާ އުސޫލުން ފިރިހެނުންވެސް ޖުއްބާ ލެއްވުމަށް އޭނާ ގޮންޖެއްސެވިއެވެ.

އޮފީސްތަކަށްދާ އަންހެނުން ހެދުން އަޅަނީ ނިވާކަން ބޮޑު ގޮތަކަށް ކަމަށާއި، ފިރިހެނުންނަށް ފެންނަ ކޮންމެ މަންޒަރަކީ އަންހެނުންގެ އިސްލާހީ މައްސަލައަކަށް ހެދުމުގެ ބަދަލުގައި، އަމިއްލަ ނަފްސު ކޮންޓްރޯލް ނުކުރެވޭ ފިރިހެނުން ގޭގައި ތިބުން މާ ރަނގަޅުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، މުޖުތަމައުގެ ހަމަޖެހުމަށްޓަކައި ހުރިހާ އަންހެނުން ގެޔަށް ވެއްދުމުގެ ވިސްނުން ގެންގުޅުމަކީ ގޯހެއް ކަމަށް ރޮޒައިނާ ފާހަގަކުރެއްވިއެވެ. އޭނާގެ ވާހަކައިގައި ބާރުއެޅުއްވީ، އަންހެނަކު ފެނުމުން ނަފްސު ކޮންޓްރޯލް ނުކުރެވިގެން އުޅޭ ފިރިހެނުންނަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި، އަބަދުވެސް އަންހެނުންނަށް ފިއްތުންތައް ކުރިމަތިކުރުމަކީ އިންސާފެއް ނޫން ކަމަށެވެ.

މި މޭރުމުން ވާހަކަ ދައްކަވަމުން ރޮޒައިނާ ވަނީ ޖިންސީ ތަފާތުކުރުންތަކުން އެއްކިބާވެފައިވާ، ހަމަހަމަ މުޖުތަމައެއް ބިނާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

ރޮޒައިނާ މިހެން ވިދާޅުވެފައިވާއިރު، ސިވިލް ސާވިސްގެ ގަވާއިދަށް ގެނައި އިސްލާހުގައިވާގޮތުން އަންހެން މުވައްޒަފުން ރަސްމީ މަސައްކަތަށް ނުކުންނައިރު އަޅާހެދުން ހުންނަންޖެހޭނީ ފޫކޮޅު ނިވާވާ ގޮތަށް ފަލަމަސްގަނޑާއި ހަމައަށެވެ. އަދި ކަރުވަޅުވެސް ހުންނަންވާނީ ނިވާކޮށްފައެވެ. މީގެ އިތުރުން އިސްތަށިގަނޑުގައި ފާޅުކަންބޮޑު ކުލަ ޖެއްސުންވެސް ވަނީ މަނާކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު