މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ކުރީގެ ނައިބުރައީސް މުހައްމަދު ފަޒީން
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ކުރީގެ ނައިބުރައީސް މުހައްމަދު ފަޒީން
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މުވައްޒަފަކަށް ޖިންސީގޯނާ ކުރި ކަމުގެ ތުހުމަތުގައި، އެ ކޮމިޝަނުގެ ކުރީގެ ނައިބުރައީސް މުހައްމަދު ފަޒީނަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ފަޒީންގެ މައްޗަށް އުފުލާފައިވަނީ ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އާއި ގައިގައި އަތްލުމުގެ ކުށުގެ ދައުވާއެވެ. މި ދަޢުވާތައް އުފުލާފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. މި ދައުވާތައް އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ، ތިން އަހަރާއި ހަތް އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

މި މައްސަލައަކީ ބްރޯޑްކޮމްގައި މަސައްކަތްކުރި އަންހެން މުވައްޒަފަކަށް ފަޒީންގެ ފަރާތުން ޖިންސީ ފުރައްސާރައާއި ގޯނާ ކުރިމަތިވި ކަމަށް ބުނެ ހުށަހެޅުނު މައްސަލައެކެވެ. ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މި މައްސަލަ ބެލިއިރު، އަނިޔާ ލިބުނު މުވައްޒަފު ވަނީ އޭނާގެ ނުރުހުމުގައި ފަޒީން ތަކުރާރުކޮށް ގައިގައި އަތްލާފައިވާ ކަމަށާއި، ބޭއަދަބީ ބަހުރުވައިން މުއާމަލާތް ކޮށްފައިވާ ކަމަށް ބަޔާން ދީފައެވެ.

ކޮމިޓީން މި މައްސަލަ ދިރާސާކުރުމަށްފަހު، ފަޒީން މަގާމުން ވަކިކުރުމަށް ނިންމައި އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވިއެވެ. ނަމަވެސް، މަޖިލީހުން އޭނާ ވަކިކުރުމުގެ ރަސްމީ ނިންމުން ނިންމުމުގެ ކުރިން ފަޒީން ވަނީ އަމިއްލައަށް މަގާމުން އިސްތިއުފާ ދެއްވާފައެވެ.

މި ތުހުމަތުތަކާ ގުޅިގެން ފަޒީންގެ ވަކީލު މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފަޒީންގެ މައްޗަށް ކުރަނީ އެއްވެސް އަސާސެއް ނެތް ދޮގު ތުހުމަތުތަކެއް ކަމަށެވެ. އަދި ޖިންސީ ގޯނާކުރި ކަމަށް ބުނާ ބުނުން ފިޔަވައި އެކަމަށް ބާރުދޭ އެއްވެސް ހެއްކެއް މިހާތަނަށް ދެއްކިފައި ނުވާކަމަށް ބުނެ ފަޒީންގެ ފަރާތުން ވަނީ ހުރިހާ ތުހުމަތުތަކަކަށް އިންކާރު ކޮށްފައެވެ.

ބްރޯޑްކޮމްގެ ނައިބު ރައީސްގެ މަގާމަށް ފަޒީން އައްޔަންކުރީ އެ ކޮމިޝަނުގެ މެމްބަރުކަމުގައި ހުންނަވަނިކޮށް 19 ޖެނުއަރީ 2023 ގައެވެ.



ކިޔުންތެރިންގެ ހިޔާލު