ސިވިލް ސަރވިސް ކޮމިޝަންގެ ބައެއް މެންބަރުން
ސިވިލް ސަރވިސް ކޮމިޝަންގެ ބައެއް މެންބަރުން
ޚާއްސަ ސިއްހީ ބޭނުންތަކުގެ ޗުއްޓީއަށް އެދި މުވައްޒަފުން ހުށައަޅާނީ ސީދާ ކޮމިޝަނަށް ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން މުވައްޒަފުންނަށް އަންގައިފިއެވެ.

ސިވިލް ސާވިސް ގަވައިދުގައިވާ ގޮތުން ދެ ހާލަތެއްގައި މުވައްޒަފަކަށް ސަލާމުގެ ޗުއްޓީގެ އިތުރަށް، މުސާރަ ލިބޭގޮތަށް، އަހަރަކު 60 ދުވަސް "ޚާއްޞަ ޞިއްޙީ ބޭނުންތަކަށް ދެވޭ ޗުއްޓީ" ގެ ގޮތުގައި ދެެވެއެވެ. އެއީ ދާއިމީ ބައްޔެއްގެ ނުވަތަ ކްރޮނިކް ކޮންޑިޝަނެއްގެ ސަބަބުން ދިގުމުއްދަތަކަށް، ބޭސްފަރުވާ ކުރަންޖެހުމާއި، ބޯންމެރޯ ނުވަތަ ގުނަވަނެއް ހަދިޔާކުރުމަށް ބޭނުންވެއްޖެ ނަމައެވެ.

އެގޮތުން ސީދާ މުވައްޒަފުގެ އިތުރުން، އޭނާ ޝަރުއީ ގޮތުން ބަލަންޖެހޭ މީހަކަށް މިފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ ވެސް ޗުއްޓީ އަށް އެދި ހުށަހެޅޭނެ ކަމަށް ޤަވާއިދުގައިވެއެވެ.

ސީއެސްސީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ "ޚާއްސަ ސިއްހީ ބޭނުންތަކަށްދެވޭ ޗުއްޓީ" އަށް މުވައްޒަފުން އެދޭ ޙާލަތުގައި، އިދާރާތަކުން މަސްއޫލު އޮފީސް މެދުވެރިކޮށް ކޮމިޝަނަށް ހުށަހަޅާގޮތަށް އޮތުމުން، ޗުއްޓީދިނުމާ މެދު ގޮތެއް ކަނޑައަޅައި، މުވައްޒަފުންނަށް އެންގުމަށް ގިނަ ދުވަސްތަކެއް ހޭދަވަމުންދާ ކަމަށެވެ.

އަދި އެ ކަމަށް ހައްލު ހޯދަން، ޗުއްޓީއަށް އެދޭ ޙާލަތުގައި، އެ މުވައްޒަފެއް މަސައްކަތްކުރާ އިދާރާއަށް ކޮޕީކުރުމަށް ފަހު، ޗުއްޓީ ހަމަޖައްސައިދިނުމަށް އެދި، އެ މުވައްޒަފަކު ސީދާ ކޮމިޝަނަށް ހުށަހަޅަން ސީއެސްސީން ވަނީ އަންގައިފައެވެ.

އަދި ކޮމިޝަނަށް ހުށަހަޅަންވާނީ ޗުއްޓީ ނަގަން ބޭނުންވާ ތާރީޚުގެ 15 ދުވަސްކުރިން ކަމާގުޅުންހުރި ލިޔެކިޔުންތަކާއެކު "ޚާއްޞަ ޞިއްޙީ ބޭނުންތަކަށްދެވޭ ޗުއްޓީއަށް އެދޭ ފޯމު" މެދުވެރިކޮށް ކަމަށް ކޮމިޝަނުން ބުނެފައިވެއެވެ.

ސިވިލް ސަރވިސް ކޮމިޝަނުން މިފަދަ އެންގުމެއް މުވައްޒަފުންނަށް އަންގާފައިވާއިރު، މިހާރުވެސް ޚާއްސަ ސިއްހީ ބޭނުންތަކަށް ދޭ ޗުއްޓީއަކީ ސީއެސްސީން ދޭން ނިންމުމުން ލިބޭ ޗުއްޓީއެކެވެ.



ކިޔުންތެރިންގެ ހިޔާލު