އީރާނުގެ ސަރުކާރާ ދެކޮޅަށް އެ ގައުމުގެ ރައްޔިތުން ކުރަމުންދާ މުޒާހަރާތަކަށް ހަމަލާދީ، އާންމުން މަރަން ފަށައިފި ނަމަ އެމެރިކާ އިން ވެސް "ބަޑި ޖަހަން ފަށާނެ" ކަމުގެ އިންޒާރު ރައީސް ޑޮނަލްޑް ޓްރަމްޕް، އިރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީއަށް ދެއްވައިފިއެވެ.

އިރާނުގެ އިގްތިސާދު އިނދަޖެހި، ފައިސާގެ އަގު ވެއްޓުމާ ގުޅިގެން ފެށުނު މި މުޒާހަރާތައް ހުއްޓުމެއް ނެތި ކުރިއަށްދާތާ 13 ދުވަސް ވެފައިވާއިރު، ޓްރަމްޕް ވިދާޅުވީ އިރާނުގެ ސަރުކާރު އޮތީ "ވެއްޓުމުގެ ތުންފަތްމަތީގައި" ކަމަށާއި، އެ ގައުމުގެ ވެރިން މިހާރު ތިއްބެވީ ފިލައިގެންދާނެ ތަނެއް ހޯދުމުގެ މަސައްކަތުގައި ކަމަށެވެ.

މި މުޒާހަރާތަކުގެ ތެރޭގައި މިހާތަނަށް 116 އަށް ވުރެ ގިނަ މީހުން މަރުވެ، 2،200 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތެއް ކަމަށްވާ "ހަރާނާ" އިން ރިޕޯޓްކުރެއެވެ. މުޅި އިރާނުގެ 100 އަށް ވުރެ ގިނަ ސިޓީތަކުގައި ކުރިއަށްދާ މި މުޒާހަރާތަކާ ގުޅިގެން ސަރުކާރުން ވަނީ މުޅި ގައުމުން އިންޓަނެޓްގެ ހިދުމަތް ކަނޑާލާފައެވެ. މުޒާހަރާގެ ބައިވެރިން ދަނީ "ރެޖީމް ބަދަލުކުރުމަށާއި" ޚާމަނާއީގެ ވެރިކަން ނިމުމަކަށް ގެނައުމަށް ގޮވާލާ އަޑުއުފުލަމުންނެވެ.

ޓްރަމްޕްގެ މި އިންޒާރަށް ރައްދު ދެއްވަމުން އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވީ، އިރާނުގެ ސަރުކާރުން "ހަމަނުޖެހުން ހިންގާ މީހުންގެ" ކުރިމަތީގައި ފަހަތަށް ނުޖެހޭނެ ކަމަށެވެ. އަދި މި މުޒާހަރާތަކަކީ ބޭރުގެ ބާރުތަކުން އަޑީގައި ތިބެގެން ހިންގާ އަމަލުތަކެއް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. ނަމަވެސް ޓްރަމްޕް ވަނީ އެމެރިކާ އޮތީ "ލޯޑް ކޮށްގެން" ކަމަށާއި، ސުލްހަވެރި މުޒާހަރާގެ ބައިވެރިންގެ ގަޔަށް ބަޑިޖަހައިފި ނަމަ އެމެރިކާގެ އަސްކަރިއްޔާ އިން ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ތަކުރާރުކުރައްވާފައެވެ



ކިޔުންތެރިންގެ ހިޔާލު