ލޯނު ދެއްކުމުގެ ނަމުގައި ސަރުކާރުން ދަނީ ގައުމުގެ ހަރު މުދާތައް ވިއްކާލުމުގެ ބޮޑު ޖަރީމާއެއް ތަންފީޒު ކުރަމުން ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ އަދި ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހް މިހެން ވިދާޅުވެފައި މިވަނީ މި އަހަރު ދައުލަތުން ދައްކަން ޖެހޭ ދަރަނިތައް ދެއްކުމާއި އެކަމުގެ ސަބަބުން ހަރަދުތައް ފޫބެއްދުމަށް ކުރިމަތިވާނެ ދަތިތަކުން އަރައިގަތުމަށް، އެެމެރިކާގެ ކާގިލް ފައިނޭންޝަލް ސާވިސަސް އިންޓަނޭޝަނަލް

(ސީއެފްއެސްއައި) އިން 300 މިލިއަން ޑޮލަރު ނެގުމުގެ މަޝްވަރާތަކެއް ސަރުކާރުގެ މާލީ އިދާރާތަކުން ކުރަމުންދާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ދަނޑިވަޅެއްގައެވެ. މި ލޯނުގެ އިންޓްރެސްޓް ރޭޓު ވަރަށް ބޮޑު ކަމަށްވެސް މީޑިއާތަކުން ރިޕޯޓު ކޮށްފައި ވެއެވެ.

މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި މަލީހް ވިދާޅުވީ ލޯނު ދެއްކުމުގެ ނަމުގައި ޤައުމުގެ ހަރުމުދާތައް ވިއްކުމުގެ ބޮޑު ޖަރީމާއެއް ތަންފީޒުކުރަމުންދާކަމީ ދެކޮޅު ނެހެދޭނެ ކަމެއް ކަމުގައެވެ.

މަލީހް ވިދާޅުވީ ރައްޔިތުން ނުކުމެ މިކަން ނުހުއްޓުވައިފިނަމަ އިޔާދަނުކުރެވޭވަރު ގެއްލުމާއި ކުރިމާތިލާންޖެހޭނެ ކަމަށެވެ.

"މިސަރުކާރަކީ ޤައުމީ ރޫހުގެ ކަންފުޅެއް އޮތް ސަރުކާރެއް ނޫން،" މަލީހް ވިދާޅުވިއެވެ.

މަލީހް މިހެން ވިދާޅުވެފައިވާއިރު، ކާގިލް ލޯނުގެ އިތުރުން، ޓޫރިޒަމް ޑިވެލޮޕްމެންޓުގެ ނަމުގައި އަބޫދާބީ ފަންޑުން 100 މިލިއަން ޑޮލަރަށްވުރެ ބޮޑު ލޯނެއް ނަގަން ސަރުކާރުން ނިންމާފައިވާ ކަމަށްވެސް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ. މި ލޯނުތަކާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު