މިނިސްޓަރު ޑރ. ޢަލީ ހައިދަރު
މިނިސްޓަރު ޑރ. ޢަލީ ހައިދަރު
ބޭރު ގައުމުތަކުގައި ކިޔަވާ ދަރިވަރުންނަށް ދޫކުރާ ސްޓައިޕަންޑް މުރާޖަޢާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ޑރ. ޢަލީ ހައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ރައީސް އޮފީހުން ގެނެސްދޭ "ތަރުޖަމާނާ އެކު" ޕްރޮގްރާމުގައި، ބޭރު ގައުމުތަކުގައި މަތީ ތަޢުލީމު ހާސިލުކުރާ ދަރިވަރުންނަށް ފައިސާ ދޫކުރުމުގެ ކަންކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރ ހައިދަރު ވިދާޅުވީ އެ މިނިސްޓްރީގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމުތަކަށް ފައިސާ ދޫކުރުމުގެ މަސައްކަތް ކަނޑައެޅިފައިވާ މުއްދަތުގެ 2 މަސް ދުވަސް ކުރިން ފަށާ ކަމަށެވެ. އަދި އެ މުއްދަތަށް ފައިސާ ދިނުމުގައި މިނިސްޓްރީއިން ގިނަ މަސައްކަތްތަކެއް ކުރާ ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް ބައެއް މައްސަލަތައް ދިމާވެގެން ބައެއް ފަހަރު ދަރިވަރުންނަށް ފައިސާ ނުފޮނުވި ލަސްވާ ކަމަށާއި، ގިނަ ފަހަރަށް މައްސަލަތައް ދިމާވަނީ ލޯނުގެ ދަށުން ކިޔަވާ ދަރިވަރުންނަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އެފަދަ މައްސަލައެއް ދިމާވެގެން ބަލާއިރު، ބައެއް ފަހަރަށް އޮންނަނީ ވަކި ގައުމަކަށް ކަނޑައަޅާފައި އޮންނަ ސްޓައިޕެންޑުން

އެހެން ގައުމެއްގައި ދިރިއުޅެން ޖެހުމުން ޚަރަދުތައް ހަމަނުޖެއްސިގެން. އެކި ގައުމުތަކަށް ކަނޑައަޅާފައި ހުންނަނީ އެކި މިންވަރުގެ ސްޓައިޕެންޑް" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރުން ދޫކުރާ ލޯނު ސްކީމުގެ ދަށުން ކިޔަވާ ދަރިވަރުންނަށް އެއް ގޮތަކަށް ސްޓައިޕެންޑުގެ ގޮތުގައި ފައިސާ ދޭތާ ހަތް ވަރަކަށް އަހަރުވެއްޖެ ކަމަށާއި، އެ ސްޓައިޕެންޑުތައް މުރާޖާކުރުމުގެ މަސައްކަތް މިހާރު ސަރުކާރުން ފަށާފައި ވާކަމަށެވެ. އަދި އެ ސްޓައިޕެންޑުތައް މުރާާކުރެވެމުން ގައުމެއްގައި އުޅުމަށް ބޭނުންވާ އަދަދަކަށް ފައިސާ ދެވޭނެ ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ މިއަދު މިހެން ވިދާޅުވިއިރު ލޯނާއި ސްކޮލަޝިޕްގެ ދަށުން ބޭރުގައުމުތަކުގައި ކިޔަވަމުންދާ ކުދިންނަށް މިނިސްޓްރީން ދޭން ޖެހޭ ފައިސާ ނުލިބޭ ކަމުގެ ޝަކުވާތައް ލިބެމުންދިއުމާ ގުޅިގެން، މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ވަނީ ދަރިވަރުންގެ ޝަކުވާތަކުގެ ރިޕޯޓެއް މިދިޔަ ޑިސެމްބަރު މަހު ތެރޭ މިނިސްޓަރ ހައިދަރަށް ފޮނުވާފައެވެ.



ކިޔުންތެރިންގެ ހިޔާލު