ގެއްލުނު ކަނޑު ހޯދުމުގެ ވައުދު ކޮބާ؟ ޓްރަމްޕްގެ ވާހަކަފުޅާ އެކު ސަރުކާރަށް ފާޑުކިޔުން އަމާޒުވެއްޖެ
ގެއްލުނު ކަނޑު ހޯދުމުގެ ވައުދު ކޮބާ؟ ޓްރަމްޕްގެ ވާހަކަފުޅާ އެކު ސަރުކާރަށް ފާޑުކިޔުން އަމާޒުވެއްޖެ
އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި އޮތް ޗާގޯސް އައިލެންޑްސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލުމަށް އެ ގައުމުން ނިންމި ނިންމުމަކީ "ގަމާރު" ނިންމުމެއްގެ ގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސިފަކުރެއްވުމާއެކު ރާއްޖެއިން ކުރަމުންދާ ވަކާކާތައް މިވަނީ ވަރަށް ބޮޑު ބާރެއް ލިބިފައެވެ. ޗާގޯސް އައިލެންޑްސްގެ ސިޔާދަތީ ބާރު ކަނޑައެޅުމުގައި ދިވެހިރާއްޖޭގެ ސިޔާދަތީ ބާރުގެ ދަށުގައި އޮންނަންޖެހޭ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިގެން ދިޔަކަމުގެ ބަހުސަކީ ޝައްކެއް ނެތް މިންވަރަށް ޔަގީންވާ ކަމެއްކަން މިއަދު މިދަނީ ހާމަވަމުންނެވެ.

ޓްރަމްޕް މިފަދައިން ވިދާޅުވެފައި މިވަނީ، ޗާގޯސް މައްސަލައިގައި ބައިނަލްއަގުވާމީ ކޯޓުން ކުރި ހުކުމާ ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ގެއްލިފައިވާކަމަށް ބުނެ ވަކާލާތު ކުރަމުން ދަނިކޮށެވެ. މި މައްސަލައިގައި ޓްރަމްޕްގެ ވާހަކަފުޅާ އެކު، ރާއްޖޭގެ ސިޔާސީ މަސްރަހުގައި އަނެއްކާވެސް މިމަޢުޟޫގެ ބަހުސްތައް މިވަނީ ހޫނުވެފައެވެ.

ޗާގޯސް މައްސަލައިގައި ރާއްޖޭގެ އިގްތިސާދީ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ގެއްލިގެން ދިޔައީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ގެންގުޅުނު ސިޔާސަތުގެ ސަބަބުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ރާއްޖޭގެ ޒަމާންވީ ސިޔާސަތު ކުއްލިއަކަށް ބަދަލުކޮށް، މޮރިޝަސްއަށް ދޫދިނުމުގެ ސަބަބުން ބައިނަލްއަގުވާމީ ކޯޓުން ނިންމީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް މޮރިޝަސްއަށް ލިބޭ ގޮތަށެވެ. މިއީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ލިބުނު އުނިކަމެއްގެ އިތުރުން، ރާއްޖޭގެ މަސްވެރިންނަށް އޮތް ކަނޑުގެ ސަރަހައްދު ހަނިވެ، އިގްތިސާދަށް ލިބުނު އިއާދަނުކުރެވޭ ފަދަ ގެއްލުމެއްގެ ގޮތުގައި އާންމުން ދަނީ ސިފަކުރަމުންނެވެ.

މި މައްސަލަ އަނެއްކާވެސް ފެންމަތިވެފައި މިވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވެރިކަމަށް އައުމުގެ ކުރިން ވީ ވައުދުތަކާ ގުޅިގެންނެވެ. ގެއްލުނު ކަނޑުގެ ސަރަހައްދު އަނބުރާ ހޯދާނެ ކަމަށް ބުނެ ވީ ބޮޑު ވައުދު ފުއްދުމަށް މިހާތަނަށް އެދެވޭ އެއްވެސް މަސައްކަތެއް ކުރެވިފައި ނުވާތީ، ސަރުކާރަށް އަމާޒުވާ ފާޑުކިޔުންތައް ވަނީ އިތުރުވެފައެވެ. ސަރުކާރަށް ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި، ކުރީ ސަރުކާރުން ހިންގި "ޖަރީމާ" އިސްލާހުކޮށް، ގައުމީ ހައްގުތައް ހޯދުމުގެ ބަދަލުގައި މި ސަރުކާރުން މިހާރު ތިބީ ހަނުއެވެ.

ދުނިޔޭގެ ބާރުގަދަ ގައުމުތަކުގެ ވެރިންވެސް މިފަދަ ނިންމުންތަކަށް ފާޑުވިދާޅުވަމުންދާއިރު، ދިވެހި ސަރުކާރުން ބައިނަލްއަގުވާމީ މައިދާނުގައި ހަރުދަނާ ފިޔަވަޅެއް އެޅުމަށް ފަސްޖެހުމަކީ ގައުމަށް ލިބޭ ބޮޑު ދެރައެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ. ކަނޑުގެ ސަރަހައްދަކީ ދިވެހި ކޮންމެ ރައްޔިތެއްގެ ހައްގަކަށްވާއިރު، އެ ހައްގު ހޯދައިދިނުމަށް މި ސަރުކާރު ނުކުޅެދިފައިވާ ކަމަށް ބުނެ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު