ތަޢުލީމާބެހޭ ވަޒީރު މާލޭގެ ސްކޫލަކަށް ކުރެއްވި ޒިޔާރަތެއްގެ ތެރެއިން
ތަޢުލީމާބެހޭ ވަޒީރު މާލޭގެ ސްކޫލަކަށް ކުރެއްވި ޒިޔާރަތެއްގެ ތެރެއިން
މިއަހަރުގެ އައު ދިރާސީ އަހަރު ފެށުމަށް ތައްޔާރުވަމުންދާއިރު، އަތޮޅުތަކުގެ ރަށްރަށުން މާލޭގެ ސްކޫލްތަކަށް ބަދަލުވުމަށް 1530 ދަރިވަރަކު އެދިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.

މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރު ސަރުކާރު ސްކޫލްތަކުގެ ގްރޭޑް 1 އަށް ވަނުމަށް ޖުމްލަ 4790 ދަރިވަރުން ވަނީ ފޯމު ހުށަހަޅާފައެވެ. މީގެ ތެރޭގައި އަތޮޅުތަކުގެ ސްކޫލްތަކަށް ވަނުމަށް އެދިފައިވާ 3042 ދަރިވަރުންނާއި، މާލެ ސަރަޙައްދުގެ ސްކޫލްތަކުން ފުރުޞަތަށް އެދިފައިވާ 1748 ދަރިވަރުން ހިމެނެއެވެ.

މިނިސްޓްރީން ބުނީ، ކޮންމެ އަހަރަކުވެސް އަތޮޅުތަކުން މާލެއަށް ކިޔަވަން ބަދަލުވާ ދަރިވަރުންގެ އަދަދު ދަނީ އިތުރުވަމުން ކަމަށެވެ. އެގޮތުން އަތޮޅުތަކުން މާލެއަށް ބަދަލުވާން 1530 ދަރިވަރުން އެދިފައިވާއިރު، މާލެއިން ހުޅުމާލޭގެ ސްކޫލްތަކަށް ބަދަލުވުމަށް އެދިފައިވާ 836 ދަރިވަރުންގެ ކަންކަންވެސް މިހާރު ވަނީ ނިންމާފައެވެ.

މާލެ ސަރަޙައްދުގެ ސްކޫލްތަކަށް އޮންނަ ބޮޑު ޑިމާންޑަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިއަހަރު އަލަށް ހުޅުވާ ޝަހީދު ޢަލީ ސްކޫލަށް ވަނުމަށް މިހާތަނަށް 1900 އެއްހާ ދަރިވަރުން ހުށަހަޅާފައިވާކަން މިނިސްޓްރީން ފާހަގަ ކޮށްފައިވެއެވެ.

ރާއްޖޭގެ މީީޑިއާއަކަށް މަޢުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ، ދިރާސީ އަހަރުގެ ކިޔެވުން ފެށުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވަމުންދާ ކަމަށާއި، ސްކޫލްތައް ހުޅުވޭއިރު ޓީޗަރުންނާއި ފޮތްތައް ހަމަވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

މީގެ އިތުރުން، އަތޮޅުތަކުގެ ސްކޫލްތަކަށް ބޭނުންވާ ފޮތްތައް ފޮނުވުމުގެ މަސައްކަތް މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ކުރަމުންދާ ކަމަށާއި، ސްކޫލްތަކުގެ މުހިއްމު މަރާމާތުގެ މަސައްކަތްތައްވެސް ބަންދުގެ ތެރޭގައި ނިންމާލާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު