ކޭޕާކް ފްލެޓުތައް-
ކޭޕާކް ފްލެޓުތައް-
ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ "ކޭޕާކް ރެސިޑެންސް" އެޕާޓްމަންޓެއް މަކަރާ ހީލަތުން ވިއްކި މީހަކަށް މި ފެބްރުއަރީ މަސް ނިމުމުގެ ކުރިން، އޭނާ ގަތް އެޕާޓްމަންޓާއި 1.9 މިލިޔަން ރުފިޔާ ދޭން ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ސިވިލްކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ، ކޭޕާކުން އެޕާޓްމަންޓް ގަތުމަށް 11 މާޗް 2019 ގައި ވެފައިވާ އެއްބަސް ވުމުގެ ދަށުން 4.1 މިލިޔަން ރުފިޔާ ހަންބޯ ކޮމްޕެނީއަށް ދައްކާފައިވީ ނަމަވެސް އެ އެޕާޓްމަންޓް ލިބިފައިނުވާތީ، ހ. ކާނޭޝަންފިޔަ ފާތިމަތު މޫސާމަނިކުގެ ފަރާތުން ސިވިލްކޯޓުގައި ކުރި ދައުވާއެކެވެ.

ދައުވާގައި ފާތިމަތު މޫސާމަނިކުގެ ފަރާތުން އެދިފައިވަނީ ކޭޕާކުން އޭނާ ގަތް އެޕާޓްމަންޓް ނިންމުމަށްފަހު އޭނާއަށް ހަވާލު ކުރުމަށާއި އެ އެޕާޓްމަންޓް ލިބެން ނެތްނަމަ އެޕާޓްމަންޓް ގަތުމަށް އޭނާ ދެއްކި 4.1 މިލިޔަން ރުފިޔާ ހަންބޯއިން އޭނައަށް ދައްކަންޖެހޭ ކަމަށް އަމުރުކޮށް ދިނުމަށެވެ.

އަދި އެޕާޓްމަންޓް ހަވާލުނުކޮށް ހުރުމުން ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި، 2019 ވަނަ އަހަރުގެ ޖުލައި މަހުގެ 29 ވަނަ ދުވަހުން ފެށިގެން އެޕާޓްމަންޓް ހަވާލު ކުރާ ދުވަހާ ހަމައަށް ކޮންމެ މަހަކު 25،000 ރުފިޔާގެ މަގުން މި ފައިސާ ހަންބޯއިން ނަގައިދިނުމަށް ވެސް ވަނީ އެދިފައެވެ.

މި މައްސަލައިގެ ދައުވާފޯމާއި ކަމާބެހޭ ލިއުންތައް މިދިޔަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު ހަންބޯއަށް ކޯޓުން ރައްދު ކުރި ނަމަވެސް، ދައުވާއަށް އެއްވެސް ރައްދެއް ދީފައިނުވާ އިރު، ދައުވާ ފޯމާ ހަވާލުވިކަން އަންގައިދޭ ލިއުންތައްވެސް ހުށަހަޅާފައެއް ނުވެއެވެ. އެހެންކަމުން ހަންބޯގެ ޣައިރު ހާޒިރުގައި މައްސަލަ ނިންމައި ދިނުމަށް ފާތިމަތު މޫސާމަނިކުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅިއެވެ.

މި މައްސަލައިގައިވާ ކަންތައްތަކަށް ބެލުމަށްފަހު، ހަންބޯގެ ގައިރު ހާޒިރުގައި ސިވިލް ކޯޓުގެ ގާޒީ އަހްމަދު އަބްދުއްރަހީމް މިއަދު ކުރެއްވި ހުކުމުގައި ވަނީ، ކޭޕާކުން ފާތިމަތު މޫސާމަނިކު ގަނެފައިވާ އެޕާޓްމަންޓް ނިންމުމަށްފަހު މި މަހުގެ ނިޔަލަށް އޭނާއާ ހަވާލު ކުރުމަށް ހަންބޯއަށް އަމުރުކޮށްފައެވެ.

އަދި ގެއްލުމުގެ ބަދަލުގެ ގޮތުގައި، ފާތިމަތު މޫސާ މަނިކަށް 1.9 މިލިޔަން ރުފިޔާ ހަންބޯއިން ދައްކަން ޖެހޭކަމަށް ކަނޑައަޅައި، އަންނަ އޭޕްރީލް މަހުގެ ނިޔަލަށް މި ފައިސާ ދައްކަން ހަންބޯއަށް އަންގައި، އެޕާޓްމަންޓް ހަވާލު ކުރުމާ ހަމައަށް، ގެއްލުމުގެ ބަދަލުގެ ގޮތުގައި ހަންބޯއިން ކޮންމެ މަހަކު 25،000 ރުފިޔާ ފާތިމަތު މޫސާމަނިކަށް ދައްކަން ވެސް ވަނީ ހުކުމް ކޮށްފައެވެ.

ކޭ ޕާކް ހިޔާނާތުގެ މައްސަލަ ތަކުގައި ސިވިލްކޯޓުން ހުކުމް ކުރަމުން އަންނައިރު، މި ޚިޔާނާތުގައި އިސްކޮށް ޙަރަކާތްތެރިވި ޙަސަން މަމްދޫޙުގެ މައްޗަށް ކުރި 100 އަށް ވުރެ ގިނަ ދައުވާގެ ތެރެއިން 94 ދައުވާއެއް ސާބިތުވެ 397 އަހަރަށް ޖަލަށް ލުމަށް މިދިޔަ ޑިސެމްބަރު މަހު ކުރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު