މިނިވަން ސިޔާސީ ފިކުރު ފާޅުކުރުމާއި އިދިކޮޅު ހަރަކާތްތަކުގައި ބައިވެރިވުމުގެ ސަބަބުން ގއ. ކޮލަމާފުށީ ފެނަކަ ބްރާންޗުގެ އިސްވެރިޔާ އަބްދުﷲ ނާސިރު ވަޒީފާއިން ވަކިކޮށްފައިވާތީ، އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކޮލަމާފުށީ އިންޖީނުގެއާއި ފެނަކަ އޮފީސް ހިންގުމުގެ އެންމެހައި ކަންކަމާ ހަވާލުވެ ހުރި ނާސިރު ވަޒީފާއިން ވަކިކުރީ ސަރުކާރު ހިންގާ ޕާޓީއަށް ތާއީދު ނުކުރާތީ ކަމަށެވެ. އަދި މީގެ ކުރިން ވެސް އޭނާއަށް އެތައް ފަހަރަކު އިންޒާރުދީ، މަގާމު ދަށްކޮށްފައިވާ ކަމަށާއި، ނަމަވެސް އޭނާގެ މިނިވަން ސިޔާސީ ފިކުރު ފާޅުކުރުން ހުއްޓާލާފައި ނުވާ ކަމަށް ފައްޔާޒު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މިއީ މިނިވަންކަމާއެކު ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ މުވައްޒަފުންނަށް ބިރުދެއްކުމަށް ސަރުކާރުން ހިންގި "ފިނޑި" އަމަލެއްގެ ގޮތުގައި ފައްޔާޒު ސިފަކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ރައީސް ޑރ. މުއިއްޒު ބޭނުންފުޅުވަނީ ރައްޔިތުންގެ މައްޗަށް ފުރިހަމަ ބާރާއި ކޮންޓްރޯލް ގާއިމުކުރަން ކަމަށާއި، އެކަން ހާސިލުވަންދެން މިފަދަ ކަންކަން ތަކުރާރުވަމުންދާނެ ކަމަށެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ، މިފަދަ ކަންކަން ހުއްޓުވޭނީ ރައްޔިތުން ނުކުމެ ސަރުކާރު ހަމަމަގަށް އަޅުވައިގެން ކަމަށެވެ. މި މައްސަލައާ ގުޅިގެން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު