ރާއްޖޭގެ ދެކުނު ކަނޑުގެ ސަރަހައްދު ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ހަރުކަށި ސިޔާސަތަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނިންމެވުމާއެކު ހަގީގީ ހުރަސްތަކެއް ކުރިމަތިވެއްޖެއެވެ.

ކުރީގެ ސަރުކާރުން މޮރިޝަސްއަށް ފޮނުވި ސިޓީ ބާތިލުކޮށް، ބައިނަލްއަގްވާމީ ކޯޓުގެ ނިންމުމަށް ގޮންޖަހައި ކަނޑުގެ އިން އަލުން ކަނޑައެޅުމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގެންފައިވީ ނަމަވެސް، މިއީ ނުފޯރާ ފޮތިން ފޫގަޅަން އުޅުން ފަދަ ކަމެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން މިހާރު ސިފަކުރެއެވެ. ސިޔާސީ މަންފާއަށްޓަކައި ބައިނަލްއަގްވާމީ ގާނޫނުތަކާ ދެކޮޅަށް ތެދުވުމަކީ ގައުމު ބޮޑު ނުރައްކަލަކަށް ހުށަހެޅި، އެކަހެރިވެގެންދާނެ ކަމެއް ކަމުގެ އިންޒާރު މި ރިޕޯޓުގައި ވަނީ ދީފައެވެ.

މި މައްސަލައިގައި ދިވެހި އަސްކަރިއްޔާ ބޭނުންކޮށްގެން ލަންކާގެ މަސްބޯޓުތައް ހިފެހެއްޓުން ފަދަ އަމަލުތަކަކީ "ގައުމީ ޖޯޝު" ދެއްކުމުގެ ގޮތުން ކުރާ ކަންކަމަށް ވީނަމަވެސް، އެމެރިކާގެ ރައީސް ޓްރަމްޕް މިހާރު ވަނީ މުޅި މަންޒަރު ބަދަލުކޮށްލައްވާފައެވެ. ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުން ހެދި އެއްބަސްވުމަށް ޓްރަމްޕް ތާއީދު ކުރެއްވުމީ، ރާއްޖޭގެ މަގުފާލު ގެއްލިފައިވާ ކަމުގެ ހެއްކެކެވެ.

އެމެރިކާގެ މައިގަނޑު މަސްލަހަތަކީ ފޯޅަވަހީގައި އޮތް އެމީހުންގެ އަސްކަރީ މަރުކަޒު 99 އަހަރަށް ކަށަވަރުކުރުން ކަމަށްވާއިރު، ބޮޑެތި ބާރުތަކުން މޮރިޝަސްގެ މިލްކުވެރިކަން ގަބޫލުކުރުމުން ރާއްޖެއަށް އޮތް ފުރުސަތުތައް ވަނީ ބަންދުވެފައެވެ. އެހެންކަމުން، ރާއްޖެއިން އެކަނިމާއެކަނި ބައިނަލްއަގްވާމީ މުޖުތަމައާ ދެކޮޅަށް ތެދުވުމަކީ އެއްވެސް ބުރަދަނެއް ހުރި ކަމެއް ނޫންކަން މިހާރު ވަނީ ސާފުވެފައެވެ.

ރައީސް މުއިއްޒު ގާނޫނުތަކަށް ބަދަލު ގެންނެވިޔަސް، ދުނިޔޭގެ ބޮޑެތި ބާރުތަކާއި ބައިނަލްއަގްވާމީ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކާ ދެކޮޅަށް ކުރެވޭނެ ކަމެއް ނެތެވެ. ޓްރަމްޕްގެ މި "ރިއަލިޓީ ޗެކް" އާއެކު އެނގިގެން ދިޔައީ، ރާއްޖޭގެ ސަރުކާރުން ގެންގުޅޭ މި ހަރުކަށި ސިޔާސަތުގެ ސަބަބުން ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެ ބާކީވެ، ހަގީގީ ހަނގުރާމައިގައި ބަލިވެފައިވާ ކަމެވެ.



ކިޔުންތެރިންގެ ހިޔާލު