ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަޙައްދު ބައިކުރުމުގައި ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނާ ބެހޭ ޓްރައިބިއުނަލް (އިޓްލޮސް) އިން ނިންމި ނިންމުން ބަލައިނުގަތުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަކީ، އިންތިޚާބާ ދިމާކޮށް ރައްޔިތުންނަށް ދައްކަވާ "ސިޔާސީ ދަޅައެއް" ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙު މިހެން ވިދާޅުވީ، ކަނޑުގެ މައްސަލަ އަލުން މުރާޖަޢާކޮށް، އެކަމުގައި ހިނގާފައިވާ ކަންކަން ތަހުގީގު ކުރުމަށްޓަކައި މިހާރުގެ ސަރުކާރުން "ޚާއްޞަ ކޮމިޝަނެއް" އުފެއްދުމާ ގުޅިގެން އެކަމަށް ފާޑުވިދާޅުވަމުންނެވެ.

ރައީސް ޞާލިޙު ފާހަގަކުރެއްވި ގޮތުގައި، މި މައްސަލަ އަލުން ބެލުމަށް ކޮމިޝަނެއް އުފެއްދުމަކީ ހަމައެކަނި ސިޔާސީ މަގްސަދެއް އޮވެގެން، ރައްޔިތުންގެ މެދުގައި އޮޅުންބޮޅުން އުފެއްދުމަށް ކުރާ ކަމެއް ކަމަކެވެ. އެމަނިކުފާނު ވިދާޅުވީ، އިޓްލޮސްގެ ނިންމުމަކީ ބައިނަލްއަގުވާމީ ހަމަތަކުގެ މަތިން ނިމިފައިވާ ކަމެއް ކަމަށާއި، އިންތިޚާބު ކައިރިވެފައި ވަނިކޮށް މިފަދަ ފިޔަވަޅުތަކެއް އެޅުމަކީ ވޯޓު ހޯދުމަށްޓަކައި ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމުގެ ގޮތުން ކުރާ މަސައްކަތެއް ކަމަށެވެ.

މީގެ އިތުރުން، މި މައްސަލައިގައި ކުރީގެ ސަރުކާރުން އަމަލުކޮށްފައިވަނީ ދިވެހިރާއްޖޭގެ އެންމެ މަތީ މަސްލަހަތު ގެއްލޭ ގޮތަށް ކަމަށް ބުނެ މިހާރުގެ ސަރުކާރުން ކުރާ ތުހުމަތުތައް ވެސް ރައީސް ޞާލިޙު ވަނީ ދޮގުކުރައްވާފައެވެ. އެމަނިކުފާނު ސިފަކުރެއްވި ގޮތުގައި، މިއީ ހަގީގަތެއް ނެތް ވާހަކަތަކެއް ފަތުރައިގެން ސިޔާސީ ފައިދާ ނެގުމަށް ސަރުކާރުން ހިންގާ އުކުޅެކެވެ.



ކިޔުންތެރިންގެ ހިޔާލު