އީރާނުގެ މިހާރުގެ ސަރުކާރު ބަދަލުވެ، އެ ގައުމުގެ ނިޒާމަށް އަންނަ ބަދަލަކީ މުޅި ދުނިޔެއަށާއި އެ ސަރަހައްދަށް ވެސް ލިބޭނެ އެންމެ ބޮޑު ކުރިއެރުން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ އީރާނާ ދެކޮޅަށް އެމެރިކާއިން ގެންގުޅޭ ހަރުކަށި ސިޔާސަތުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. ޓްރަމްޕް ފާހަގަކުރެއްވި ގޮތުގައި އީރާނުގެ ރައްޔިތުންނަށް މިނިވަންކަމާއި އަމާންކަން ލިބޭނީ މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުވެގެންނެވެ.

ޓްރަމްޕްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، އީރާނުގެ ސަރުކާރުން ސަރަހައްދީ ހަމަނުޖެހުންތަކަށް ހިތްވަރުދީ، ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް ކުރާ މަސައްކަތަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އީރާނުގެ އިގްތިސާދީ ހާލަތު ދަށްވެ، ރައްޔިތުން ތަހައްމަލު ކުރަމުންދާ ދަތިތަކުގެ ޒިންމާ އުފުލަންޖެހޭނީ އެ ގައުމުގެ ވެރިން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ވެރިކަން ބަދަލުވުމަކީ "އެންމެ ރަނގަޅު ކަންތައް" ކަމަށް ވިދާޅުވި ނަމަވެސް، އެމެރިކާއިން ބާރުގެ ބޭނުންކޮށްގެން އެކަން ކުރަން އުޅޭކަމަކަށް އޭނާ ސީދާ އިޝާރާތެއް ނުކުރައްވައެވެ.

މި މައުޟޫއަށް ވާހަކަ ދައްކަވަމުން ޓްރަމްޕް ވަނީ އީރާނާއެކު އޮތް ނިއުކްލިއަރ އެއްބަސްވުމުން އެމެރިކާ ވަކިވި ސަބަބުތަކަށް ވެސް އަލިއަޅުއްވާލައްވާފައެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި ކުރީގެ އެއްބަސްވުމަކީ އީރާނަށް ނުބައި މަގުތަކުން ކުރިއަށްދާން ލިބުނު ފުރުސަތެކެވެ. އެހެންކަމުން، އެމެރިކާގެ އަމާޒަކީ އީރާނަށް ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަކޮށް، އެ ގައުމުން ޓެރަރިޒަމަށް ދޭ އެހީތެރިކަން ހުއްޓުވުމެވެ.



ކިޔުންތެރިންގެ ހިޔާލު