ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލެވެލް އުފުލެމުންދާތީ، ދިވެހިރާއްޖެއާއި ކިރިބަތީ ފަދަ ޖަޒީރާ ގައުމުތައް ކުރިއަށް އޮތް ތަނުގައި ދުނިޔޭގެ ޗާޓުން ފޮހެވިގެން ހިނގައިދާނެ ކަމަށް މޫސުމީ މާހިރެއް ކަމަށްވާ އެލެކްސީ ކޮކޯރިން އިންޒާރު ދީފިއެވެ.

ރަޝިޔާގެ ޓާސް ނިއުސް އެޖެންސީއަށް މައުލޫމާތު ދެމުން ކޮކޯރިން ފާހަގަކުރި ގޮތުގައި، ކިރިބަތީ ފަދަ ގައުމުތަކަށް މިހާރުވެސް އޮތީ "އަނބުރާ އިއާދަނުކުރެވޭ ފަދަ" ނުރައްކާތެރި ހާލަތަކަށް ގޮސްފައެވެ. އޭނާ ވިދާޅުވި ގޮތުގައި ކަނޑުގެ ލެވެލް 1.5 މީޓަރަށް އުފުލުމާއި، ގިނަގިނައިން ތޫފާންތައް ކުރިމަތިވުމަކީ މި ގައުމުތައް ކަނޑުގެ އަޑިއަށް ދިއުމަށް މެދުވެރިވާނެ ސަބަބުތަކެވެ.

ކޮކޯރިން އިތުރަށް ބަޔާންކުރި ގޮތުގައި، މިހާރު ދުނިޔޭގެ ސަމާލުކަން ހުރީ ދުނިޔެ ހޫނުވުން އެއްވަރެއްގައި ހިފެހެއްޓުމަށެވެ.

ނަމަވެސް އެންމެ ބޮޑު ނުރައްކަލަކީ ހަމައެކަނި ފިނިހޫނުމިން މަތިވުމެއް ނޫނެވެ. އޭގެ ބަދަލުގައި ފިނިހޫނުމިން މަތިވަމުންދާ ހަލުވި މިނަށް ބަލާއިރު މިއީ ވަރަށް ބޮޑު ބިރުވެރިކަމެވެ.

އޭނާ ވިދާޅުވީ 19 ވަނަ ގަރުނުގައި ދުނިޔޭގެ މޫސުން އޮތް ހާލަތަށް އަނބުރާ ދިއުމަކީ މިހާރު މުސްތަހީލު ކަމެއް ކަމަށާއި، މިހާރު ކުރަންޖެހޭ ކަމަކީ އިތުރަށް މޫސުން ގޯސްވިޔަނުދީ ހިފެހެއްޓުން ކަމަށެވެ. މި ބަދަލުތަކުގެ ސަބަބުން ރާއްޖެއަށްވެސް މި ނުރައްކާ އޮތްކަން އޭނާ ވަނީ ހާމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު