އަހުމަދު މަސްނޫމް   17 ފެބްރުއަރީ 2026 - 21:13
މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

އެކަން އިއުލާންކުރީ މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ހަނދު ސާބިތުކުރުމަށްޓަކައި މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ޚާއްޞަ ޖަލްސާގައެވެ. އެޖަލްސާގައި މާދަމާއަކީ 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމުގައި ރަސްމީކޮށް ވަނީ ކަނޑައަޅުއްވާފައެވެ.

ހަނދު ސާބިތުވިކަން އިޢުލާނުކުރައްވައި، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ސޮއިކުރައްވާފައިވާ ހަނދާބެހޭ ބަޔާން މި ޖަލްސާގައި ވަނީ އިއްވާފައެވެ.

އެ ބަޔާނުގައި ވިދާޅުވެފައިވަނީ، ހިޖުރީ ގޮތުން 1447 ވަނަ އަހަރުގެ ޝަޢުބާން މަހުގެ 29 ވީ އަންގާރަ ދުވަހުގެ އިރުއޮއްސުމަށްފަހު، ބައެއް އިސްލާމީ ޤައުމުތަކަށް ރަމަޟާން މަހުގެ ހަނދު ފެނިފައިވާކަން ޝަރުޢީ ހަމަތަކުން ސާބިތުވެފައިވާ ކަމަށެވެ.

އެހެންކަމުން، ރާއްޖޭގައި ހަނދު ސާބިތުކުރުމަށް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން، މާދަމާއަކީ މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމުގައި ވަނީ ނިންމަވާފައެވެ. މީގެ އިތުރުން، ސައުދީ އަރަބިއްޔާއަށް ވެސް ހަނދު ފެނިފައިވާތީ، އެ ޤައުމުގައި ވެސް މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމުގައި ވަނީ ކަނޑައަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު