މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައިވާ ޖަލުތަކުގައި، ރަމަޟާން މަހު ފުރަތަމަ ފަހަރަށް ރަސްމީ ސިފައެއްގައި ތަރާވީސް ނަމާދު ކުރުމުގެ އިންތިޒާމުތައް ހަމަޖައްސައި، އެކަން ފަށައިފިއެވެ.

މިއީ ރާއްޖޭގެ ޖަލުތަކުގެ ތާރީޚުގައި މިފަދަ އިންތިޒާމެއް ރަސްމީކޮށް ހަމަޖެއްސި ފުރަތަމަ ފަހަރެވެ.

ކަރެކްޝަންސް އިން މަޢުލޫމާތު ދޭ ގޮތުގައި، ޖަލުތަކުގެ މިސްކިތްތަކުގައި ކުރިއަށްދާ މި ތަރާވީސް ނަމާދުތަކަށް ބޭނުންވާ ޚާއްޞަ ހާފިޒުން މިހާރު ވަނީ ހަމަޖައްސާފައެވެ.

މި ނިންމުމަކީ ޖަލުތަކުގައި ބަންދުކޮށްފައި ތިބޭ މީހުންނަށް ދީނީ ކަންކަމަށް އިސްކަންދީ، އަޅުކަމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށްޓަކައި އެ މުއައްސަސާއިން ކުރިއަށްގެންދާ މުހިންމު މަސައްކަތެއް ކަމަށް ކަރެކްޝަންސް އިން ބުނެއެވެ. މީގެ ސަބަބުން ޖަލުތަކުގެ މިސްކިތްތަކުގައި ރަސްމީ އުސޫލުން ތަރާވީސް ނަމާދު ޖަމާއަތުގައި ކުރުމުގެ ފުރުޞަތު ޤައިދީންނަށް ލިބިގެންދާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.

ތަރާވީސް ނަމާދުގެ އިތުރުން، މި ރަމަޟާން މަހުގެ ތެރޭގައި ޤައިދީންނާއި ބަންދުގައި ތިބޭ މީހުންނަށް އަމާޒުކޮށްގެން ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޚާއްޞަ ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ރޭވިފައެވެ. މި ސެޝަންތަކުގެ މައިގަނޑު މަޤްޞަދަކީ ދީނީ މަޢުލޫމާތު ފޯރުކޮށްދިނުމާއެކު، ޤައިދީންގެ ނަފްސާނީ އަދި ރޫހާނީ ދުޅަހެޔޮކަން އިތުރުކުރުން ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު