އަހުމަދު ޔާމިން   18 ފެބްރުއަރީ 2026 - 14:38
ޝަކްޝޫކާ އަކީ ކުކުޅު ބިހާއި ތަރުކާރީގެ ބާވަތްތައް ބޭނުންކޮށްގެން ތައްޔާރުކުރާ ވަރަށް މީރު 'ރިހަ' އެކެވެ. މި ރެސިޕީ އަކީ އަސްލު ޓިއުނީޝިއާގެ އުފެއްދުމެއް ނަމަވެސް، މިއީ މިއަދު މެދުއިރުމަތީގެ ގައުމުތަކުގައި ނުހަނު މަގްބޫލު ކެއުމެކެވެ.

ބޭނުންވާ ތަކެތި:

ޒައިތޫނި ތެޔޮ، 1 ބޮޑު ފިޔާ (ކޮށާފައި)، 2 ބެލް ޕެޕަރ (ކޮށާފައި)، 2 ލޮނުމެދު (ކުދިކޮށް ކޮށާފައި)، 1 ސައިސަމުސާ ކޮތަނބިރި (މުގުރާފައި)، 1 ސައިސަމުސާ ޕެޕްރިކާ، ½ ސައިސަމުސާ ދިރި، 6 ޗެރީ ޓޮމާޓޯ (ކޮށާފައި)، ½ ޖޯޑު ޓޮމާޓޯ ސޯސް، 1 ސައިސަމުސާ ހަކުރު، 6 ކުކުޅު ބިސް، ¼ ޖޯޑު ޕާސްލޭ ފަތް (ކުދިކޮށް ކޮށާފައި)، ¼ ޖޯޑު ކުދީނާ ފަތް (ކުދިކޮށް ކޮށާފައި)، ލޮނާއި އަސޭމިރުސް (ރަހަލާވަރަށް)

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ތެއްޔެއް އުނދުން މައްޗަށް އުދައި، އޭގެ ތެރެއަށް 3 މޭޒުމަތީ ސަމުސާ ޒައިތޫނި ތެޔޮ އަޅައި ހޫނުކުރާށެވެ. ތެޔޮފޮދު ހޫނުވުމުން ފިޔާ، ބެލް ޕެޕަރ، ލޮނުމެދު، މުގުރި ހަވާދުގެ ބާވަތްތައް (ކޮތަނބިރި، ޕެޕްރިކާ، ދިރި) އަދި ލޮނާއި އަސޭމިރުސް އަޅާށެވެ. މި ތަކެތި ރަނގަޅަށް މަޑުވަންދެން ގާތްގަނޑަކަށް 10 މިނިޓް ވަރު ކައްކާށެވެ.

ތަރުކާރީތައް މަޑުވުމުން ހަކުރާއި، ކޮށާފައި ހުރި ޗެރީ ޓޮމާޓޯ އަދި ޓޮމާޓޯ ސޯސް އެއްކޮށްލާށެވެ. ޓޮމާޓޯތައް ތަރުކާރީއާ ރަނގަޅަށް އެކުވެ، އޭގެ ފުރިހަމަ ރަހަ ނިކުންނަންދެން 10 ނުވަތަ 12 މިނިޓް ވަރު ކައްކާށެވެ. މި ވަގުތު ރަހަ ބަލައިލުމަށްފަހު ބޭނުންވާ ގޮތަކަށް ރަހަ ހެޔޮވަރުކޮށްލެވިދާނެއެވެ.

ދެން ތެލީގައި ހުރި ތަރުކާރީގަނޑުގެ މަތީގައި ކުދި ހުސްތަންކޮޅުތަކެއް ހަދާލުމަށްފަހު، ކޮންމެ ތަންކޮޅަކަށް ބިހެއްގެ މަގުން ޖުމްލަ 6 ބިސް އަޅާލާށެވެ. ތެލީގެ މަތިޖަހައިގެން ބިހުގެ ހުދުބައި ރަނގަޅަށް ފިހެންދެން މަޑުގިނީގައި ކައްކާށެވެ. (ގޮބޮޅި ބޭނުންވާ މިންވަރަކަށް ބަހައްޓާށެވެ.) އެންމެ ފަހު ކަމަކަށް، ކޮށާފައި ހުރި ޕާސްލޭ ފަތާއި ކުދީނާ ފަތް މައްޗަށް ބުރުވާލާށެވެ.

މިހާރު މިވަނީ މީރު، ހޫނު ޝަކްޝޫކާ ތައްޔާރުވެފައެވެ. މިއީ ރޮށްޓާއެކު ކާލަން ވަރަށް މީރު ރިހައެކެވެ.



ކިޔުންތެރިންގެ ހިޔާލު