މާލޭގެ ބޮޑުތަކުރުފާނުމަގު ފުޅާކޮށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތަށް ބަންދުކުރި މާލޭ ނޯތު ހާބަރު ސަރަހައްދު، މިރޭ 23:00 އިން ފެށިގެން އުޅަނދުފަހަރަށް ހުޅުވާލުމަށް ނިންމައިފިއެވެ.

އެ ސަރަހައްދު ބަލަހައްޓާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނީ މިރޭ 23:00 އިން ފެށިގެން، މުދަލާއި ޕަސެންޖަރުން އުފުލާ ކަނޑު އުޅަނދުފަހަރަށާއި މަސް އޮޑިފަހަރަށް އެ ސަރަހައްދު ހުޅުވާލާނެ ކަމަށެވެ. ނަމަވެސް، އެ ސަރަހައްދުގައި ބަނދަރުކުރެވޭނީ ނޯތު ހާބަރުގައި އަމަލުކުރާ އުސޫލުތަކާއި ގަވާއިދުތަކަށް ފެތޭ އުޅަނދުފަހަރަށް އެކަނި ކަމަށް އެމްޕީއެލްއިން ބުނެެއެވެ.

މަގު ހެދުމުގެ މަސައްކަތަށް މި ސަރަހައްދު ބަންދުކުރުމާ ގުޅިގެން، މީގެ ކުރިން އުޅަނދުފަހަރު ބޭނުންކުރުމަށް ހަމަޖައްސާފައިވަނީ އެމްއެމްއޭ ކުރިމަތީގައި އަލަށް ތަރައްޤީކުރި ސަރަހައްދާއި ޓީ-ޖެޓީ ސަރަހައްދެވެ. މާރުކޭޓް ކުރިމަތީ ފަޅަކީ އާންމުކޮށް އަތޮޅުތެރެއަށް މުދާ އުފުލާ ބޯޓުފަހަރާއި މަސްވެރިން އެންމެ ގިނައިން ބޭނުންކުރާ ސަރަހައްދެވެ.

ބާޒާރުމަތީ ސަރަހައްދުގެ މަގު ހެދުމުގެ މަސައްކަތް ނިންމައި އާންމުންނަށް ހުޅުވާލާފައިވަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ. އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން، ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަހައްދެއްގައި ވަނީ ތާރު އަޅާފައެވެ.

މި މަޝްރޫޢުގެ ތެރެއިން މަގު ފުޅާކުރުމަށްޓަކައި ފަޅުން ބައެއް ހިއްކައިގެން މަގަށް 6 މީޓަރުގެ ޖާގަ ވަނީ އިތުރުކޮށްފައެވެ. ޖުމްލަ 1088 މީޓަރުގެ ސަރަހައްދެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގެ ދަށުން، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މީގެ ތެރެއިން ފުރަތަމަ ފިޔަވަހީގެ 140 މީޓަރުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިއްމާލާފައެވެ.

ބޮޑުތަކުރުފާނު މަގު ހަތަރު ލޭނަށް ފުޅާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ ތަސައްވުރެއްގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. މި ބަދަލާއެކު މާލޭގެ އެންމެ ބާރުބޮޑު މި ސަރަހައްދުގެ ދަތުރުފަތުރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ.



ކިޔުންތެރިންގެ ހިޔާލު