މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހު މާލެ ސިޓީގެ 24 މިސްކިތެއްގައި ތަރާވީސް ނަމާދު އިމާމުވެ ކުރާނީ ދިވެހި ޒުވާން ހާފިޒުން ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ ގްރޫޕަށް ފޮނުއްވި މެސެޖެއްގައި މިނިސްޓަރު ވިދާޅުވީ، މާލޭގެ 24 މިސްކިތެއްގެ އިތުރުން، އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތުގައި ވެސް ތަރާވީސް ނަމާދު އިމާމުވެ ކުރާނީ ދިވެހި ހާފިޒުން ކަމަށެވެ. އަދި އަތޮޅުތަކުގެ އިސްލާމީ މަރުކަޒުތަކަށް ބޭރުން ހާފިޒުން ގެނެސްފައިވާ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ރަމަޟާން މަހަށް މިނިސްޓްރީން ވެފައިވާ ތައްޔާރީތަކަށް އަލިއަޅުވާލަމުން މިނިސްޓަރު ވިދާޅުވީ، ސަލްމާން މިސްކިތުގެ އޭސީ މައްސަލަ މިހާރު ހައްލުކުރެވިފައިވާ ކަމަށެވެ. އަދި މި ރޯދަމަހާ ދިމާކޮށް އަލަށް 15 މިސްކިތެއް ހުޅުވާފައިވާ އިރު، ރޯދަ މަސް ތެރޭގައި ވެސް ބައެއް މިސްކިތްތައް ހުޅުވި، ޖުމުލަ 19 މިސްކިތް އަލަށް ބޭނުންކުރަން ފެށޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ ތެރޭގައި ސަރުކާރުންނާއި އަމިއްލަ ފަރާތްތަކުން ބިނާކުރި މިސްކިތްތައް ހިމެނެއެވެ.

މީގެ އިތުރުން، މާލެ ސިޓީގައި 800 އަށް ވުރެ ގިނަ މީހުންނަށް ނަމާދު ކުރެވޭ ފަދަ ބޮޑެތި މިސްކިތްތަކުގެ ފިރިހެނުންނާއި އަންހެނުން ނަމާދުކުރާ ބައިތައް މިހާރު އޭސީ ކޮށްފައިވާ ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ކުރިއަށްގެންދާ "އިޙުޔާ ފޯރަމް" ތަކާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، މިއަހަރަކީ އަތޮޅުތަކުގައި އެންމެ ގިނަ ފޯރަމް ބޭއްވޭ އަހަރު ކަމަށެވެ. އެގޮތުން ރާއްޖޭގެ 10 ރަށެއްގައި މިއަހަރު އިޙުޔާ ފޯރަމްތައް ބޭއްވުމަށް ރޭވިފައި ވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިއީ އެންމެ ގިނަ ހާފިޒުން ދަސްވެނިވާ އަހަރުކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ޤުރުއާން އުނގަންނައިދިނުމުގެ ދާއިރާއިން ކުރެވުނު މަސައްކަތްތަކަށް ބަލާއިރު، ޤުރުއާން ޓީޗަރުން ނެތް 10 ރަށަކަށް ރާއްޖެއިން ބޭރުން ޓީޗަރުން ގެނެސް، ޤުރުއާން މަރުކަޒުގެ 10 ގޮތްޕަކަށް އިއްޔެ ޓީޗަރުން ފޮނުވާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ޒުވާނުންނަށް ފުރުސަތު ދިނުމުގެ ސިޔާސަތުގެ ދަށުން، ރަމަޟާން މަހުގެ ތިންވަނަ ހުކުރު ދުވަހު އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތުގައި ހުކުރު ކުރާނީ ޒުވާން ޚަޠީބުން ކަމަށާއި، އަދި ފިތުރު އީދު ނަމާދުގެ ބޮޑު ޖަމާޢަތުގައި ވެސް އިމާމުވެ ނަމާދު ކުރާނީ ޒުވާނުން ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު