އަހުމަދު ޔާމިން   19 ފެބްރުއަރީ 2026 - 17:21
މެކްސިކަން ރެޑް ރައިސް އަކީ ރޯދަ ވީއްލުމަށާއި ހާރުދަމަށް ތައްޔާރު ކޮށްލަން ރަނގަޅު އެންމެންނަށްވެސް ކަމުދާނެ ޑިޝްއެކެވެ. މިއީ ތަފާތު ރަހައެއް ތަޖުރިބާ ކޮށްލަން ބޭނުންވާ ފަރާތްތަކަށް ވަރަށް ފުރިހަމަ ރެސިޕީއެކެވެ.

ބޭނުންވާ ތަކެތި:

3 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް، 2 ކެރެޓް (ކިއުބުކޮށް ކޮށާފައި)، 1 ބޮޑުމިރުސް (ފެހިކުލަ)، 1 ފިޔާ (ތުނިކޮށް ކޮށާފައި)، 3 ލޮނުމެދު (ތުނިކޮށް ކޮށާފައި)، 2 ޖޯޑު ބާސްމަތީ ހަނޑޫ (ދޮވެ ހިއްކާފައި)، 1 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް، 2 ޖޯޑު ޗިކަން ބްރޮތު، 1 ޓޮމާޓޯ (އަވަނުގައި ފިހެ ކޮށާފައި)، 3 ސަމުސާ ޓޮމާޓޯ ސޯސް، ¾ މޭޒުމަތީ ސަމުސާ ދިރި، 1 މޭޒުމަތީ ސަމުސާ އޮރިގާނޯ، ލޮނު (ރަހަލާވަރަށް)، 1 މޭޒުމަތީ ސަމުސާ މުގުރި އަސޭމިރުސް

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ބޮޑު ތެއްޔެއްގައި ތެޔޮކޮޅު ހޫނުކުރަން އުދާށެވެ. ތެޔޮކޮޅު ހޫނުވުމުން އޭގެ ތެރެއަށް ކެރެޓް، ބޮޑުމިރުސް، ފިޔާ އަދި ލޮނުމެދު އެޅުމަށްފަހު ރަނގަޅަށް ކައްކާށެވެ. ފިޔާކޮޅު ރަންކުލަވެލުމުން، ދޮވެ ހިއްކާފައި ހުރި ހަނޑޫ އަދި ޓޮމާޓޯ ޕޭސްޓް އެޅުމަށްފަހު ހަނޑޫކޮޅު ރަނގަޅަށް ހަނާކޮށްލާށެވެ. މިކަމަށް ގާތްގަނޑަކަށް ދެތިން މިނިޓް ހޭދަވާނެއެވެ.

އެއަށްފަހު ޗިކަން ބްރޮތު، ފިހެފައި ހުރި ޓޮމާޓޯ އަދި ޓޮމާޓޯ ސޯސް އެއްކޮށްލާށެވެ. ދެން ދިރި، އޮރިގާނޯ، ލޮނު އަދި އަސޭމިރުސް އެޅުމަށްފަހު ދިޔަގަނޑު ރަނގަޅަށް ކައްކަން ފަށާށެވެ. ބަތްތެލި ކެކެން ފެށުމުން ގިނި މަޑުކޮށްލުމަށްފަހު، ތެލީގައި މަތިޖަހާފައި (ނުވަތަ ސަރަފޯސް ޖަހާފައި) ބަހައްޓާށެވެ. ދިޔަގަނޑު އެއްކޮށް ހިނދެންދެން މަޑުގިނީގައި ކެއްކުމަށްފަހު، ބަތްކޮޅު ސަމުސަލަކުން މަޑުމަޑުން އެއްކޮށްލާށެވެ.

މިހާރު މިހިރީ މީރު މެކްސިކަން ރެޑް ރައިސް ތައްޔާރުވެފައެވެ. ކުކުޅު ނުވަތަ ބީފްގެ އެކި ބާވަތްތަކުގެ ސައިޑް ޑިޝްއަކާއެކު މި ބަތުގެ ރަހަ ވަރަށް ފުރިހަމަވާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް