ލޯކަލް ކައުންސިލް އިންތިޚާބުގައި ވެރިކަންކުރާ ޕީއެންސީން 80 އިންސައްތަ ގޮނޑި ކާމިޔާބު ކުރާނެ ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މާފަންނު އުތުރު ދާއިރާގެ ކެމްޕޭން އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އާދަމް ޝަރީފް ވިދާޅުވީ، މިހާރުގެ ހިސާބުތަކުން ދައްކާ ގޮތުގައި ޕީއެންސީއަށް ބޮޑު ތަރުހީބެއް އެބައޮތް ކަމަށާއި، މިހާރުވެސް ވޯޓަކާ ނުލައި 7 އިންސައްތަ ގޮނޑި ކާމިޔާބުވެފައިވުމީ ރައްޔިތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތައް ބަލައިގަންނަ ކަމުގެ ހެއްކެއް ކަމަށެވެ.

މީގެ އިތުރުން، މިނިސްޓަރު ވިދާޅުވީ ރައީސްގެ ތަސައްވުރާ އެއްގޮތަށް ގައުމު ތަރައްގީ ކުރުމަށްޓަކައި ސަރުކާރަށް އެއްބާރުލުންދޭނެ ކައުންސިލްތަކެއް އޮތުން މުހިންމު ކަމަށެވެ. އެހެންކަމުން، ގައުމީ ނަޒަރަކުން ބަލާއިރު ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަކީ ގައުމީ ވާޖިބެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި ސިޔާސީ ގޮތުން ބަލާއިރުވެސް ޕީއެންސީއަށްވުރެ ވަކި ރަނގަޅު އިޚްތިޔާރެއް ރައްޔިތުންނަށް ނެތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ޖަލްސާގައި މިނިސްޓަރު ވަނީ ރައީސް މުއިއްޒުގެ މުރާލިކަމާއި ޕާޓީގެ އެއްބައިވަންތަކަމަށް ތައުރީފު ކުރައްވައި، މުޅި ރާއްޖޭގައިވެސް ޕީއެންސީގެ ކެމްޕޭން ހަރަކާތްތައް ވަރަށް ފޯރިއާއެކު ކުރިއަށްދާކަން ފާހަގަކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު