އަހުމަދު ޔާމިން   21 ފެބްރުއަރީ 2026 - 15:4
މިއަދު މި ގެނެސްދެނީ ބިރިޔާނި ކެއުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ވަރަށް ޚާއްސަ ރެސިޕީއެކެވެ. އެއީ މަޝްހޫރު "ހައިދަރްއާބާދީ ބިރިޔާނީ" އެވެ. މިއަދުގެ ރޯދަ ވީއްލުމަށް މި ބިރިޔާނީ ތައްޔާރުކުރަމާ ހިނގާށެވެ.

ބޭނުންވާނެ ތަކެތި:

1 ½ ޖޯޑު ބާސްމަތީ ހަނޑޫ (30 މިނިޓްވަރު ފެނަށްލައި ފޯކޮށްފައި)، ½ ކިލޯ ކުކުޅު (ބޯންލެސް ޗިކެން)، ½ ސައިސަމުސާ ބިރިޔާނީ މަސާލާ (ފަށަލަތަކަށް އެޅުމަށް)، 1 ފިޔާ (ތެލުލާފައި)، ގޮށްމުށެއް ހުންނަވަރަށް ކޮތަނބިރި ފަތް (ކުދިކޮށް ކޮށާފައި)، ގޮށްމުށެއް ހުންނަވަރަށް ކުދީނާ ފަތް (ކުދިކޮށް ކޮށާފައި)، 3 ނުވަތަ 4 މޭޒުމަތީ ސަމުސާ ތެޔޮ، 2 މޭޒުމަތީ ސަމުސާ ގިތެޔޮ، ¼ ސައިސަމުސާ ކުކުން (ސެފްރޯން)

ކުކުޅު މެރިނޭޓް ކުރަން:

1 ¼ މޭޒުމަތީ ސަމުސާ އިނގުރު ލޮނެމެދު ޕޭސްޓް، ¼ ސައިސަމުސާ ރީނދޫ، 1 ނުވަތަ 2 ތޮޅި މިރުސް، ½ ޖޯޑާއި 3 މޭޒުމަތީ ސަމުސާ ޔޯގަޓް ނުވަތަ ފްރެޝް ކާރޑް، 2 މޭޒުމަތީ ސަމުސާ ލުނބޯ ހުތް، 1 ސައިސަމުސާ ކަޝްމީރީ މިރުސް ޕައުޑަރ، 1 ނުވަތަ 1 ½ ސައިސަމުސާ ބިރިޔާނީ މަސާލާ ޕައުޑަރ، ½ ނުވަތަ ¼ ސައިސަމުސާ ކާފޫރުތޮޅި ޕައުޑަރ، ¾ ސައިސަމުސާ ލޮނު

ބަތް ކައްކަން ބޭނުންވާ ހަވާދު:

6 ނުވަތަ 7 ޖޯޑު ފެން (ހަނޑޫ ކައްކަން)، 1 ސައިސަމުސާ ތެޔޮ، ކުޑަ ނަޓްމެގް ކޮޅެއް، 5 ކާފޫރުތޮޅި، 3 އިންޗި ހުންނަވަރުގެ ފޮނިތޮށި ގަނޑެއް، 6 ކަރަންފޫ، 1 ބޭ ލީފް، ½ ސައިސަމުސާ ފްލެނަލް ސީޑް (ދިރި)، 1 ބިރިޔާނީ މާ (ސްޓަރ އެނައިސް)، ރަހަލާވަރަށް ލޮނު

ތައްޔާރުކުރާނެ ގޮތް:

ކުކުޅު މެރިނޭޓް ކުރުން:

ބޮޑު ބޯތަށްޓަކަށް ޔޯގަޓް، ލޮނު، ރީނދޫ، މިރުސް ޕައުޑަރު، ކޮތަނބިރި ޕައުޑަރު، ބިރިޔާނީ މަސާލާ، ތޮޅި މިރުސް، އިނގުރު ލޮނެމެދު ޕޭސްޓް އަދި ލުނބޯ ހުތް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. ރަހަ ބެލުމަށްފަހު ބޭނުންނަމަ ލޮނާއި ހަވާދު އިތުރުކުރާށެވެ. ހަވާދުގަނޑު ތައްޔާރުވުމުން ކުކުޅުތައް އޭގެ ތެރެއަށް އަޅައި އަތުން ރަނގަޅަށް މޮޑެލުމަށްފަހު މެރިނޭޓް ކުރަން ބަހައްޓާށެވެ. އެންމެ ރަނގަޅީ ރޭގަނޑު މެރިނޭޓްކޮށްފައި އައިސް އަލަމާރީގައި ބެހެއްޓުމެވެ. އޭރުން ކުކުޅަށް ރަހަ ވަދެ މަސްގަނޑު މަޑުވާނެއެވެ. ވަގުތު ނެތްނަމަ މަދުވެގެން 2 ގަޑިއިރު ބަހައްޓަންވާނެއެވެ.

ބަތް ކައްކާނެ ގޮތް:

ފޯކޮށްފައި ހުރި ހަނޑޫކޮޅުގެ ފެން އޮހޮރާލާށެވެ. ބޮޑު ތެއްޔަކަށް ފެން އަޅައި، އޭގެ ތެރެއަށް ބަތަށް ބޭނުންވާ ހަވާދުގެ ބާވަތްތަކާއި ތެޔޮ އަޅައިގެން 5 މިނިޓް ވަންދެން ފެންގަނޑު ކައްކާށެވެ. ދެން ހަނޑޫ އަޅައިގެން ބަތުގެ ހަތަރުބައިކުޅަ ތިންބައި ރޯފިލާވަރަށް (75 ޕަސެންޓް) ކައްކާށެވެ. ބަތް ކެކުމުން ފެން އޮހޮރާލާފައި ބަހައްޓާށެވެ.

ބިރިޔާނީ ދަމްކުރާނެ ގޮތް:

އަވަނަށް ލެވޭ ކަހަލަ ފުން ތަށްޓެއް ނުވަތަ ކެސެރޯލް ތަށްޓަކަށް މެރިނޭޓްކުރި ކުކުޅު އަޅާށެވެ. އޭގެ މައްޗަށް ތެލުލި ފިޔާ، ކުދީނާ ފަތް، ކޮތަނބިރި ފަތް އަދި ތެޔޮ އަޅައި އެއްކޮށްލާށެވެ. ދެން އޭގެ މަތީގައި ބަތުގެ ފަށަލައެއް ފަތުރާލާށެވެ. ބަތުގެ މައްޗަށް ތެލުލި ފިޔާ، ކޮތަނބިރި ފަތް، ކުދީނާ ފަތް އަދި ބިރިޔާނީ މަސާލާ ކޮޅެއް ބުރުވާލާށެވެ. މިގޮތަށް ފަށަލަ ފަށަލައަށް އަތުރާ ނިންމާލާށެވެ. އަދި އެންމެ މަތީ ފަށަލައިގައި ކުކުން (ސެފްރޯން) ކޮޅު އޮއްސާލާށެވެ.

އެއަށްފަހު ތަށީގެ މަތީގައި ވައި ނުވަންނާނެހެން ފޮއިލް އިން ބަންދުކުރާށެވެ. ނުވަތަ ތެތް ފޮތިގަނޑަކުން މަތި ބަންދުކޮށް މަތިޖަހާށެވެ. އުނދުން މައްޗަށް ތަވާ އުދައި، އޭގެ މަތީގައި ބިރިޔާނީ ތަށި ބަހައްޓާށެވެ. މެދުމިނުގެ ގިނީގައި 10 މިނިޓް، އަދި މަޑު ގިނީގައި 15 މިނިޓް ކައްކާށެވެ. އުނދުން ނިވާލުމަށްފަހު، ހުޅުވުމުގެ ކުރިން 20 ނުވަތަ 30 މިނިޓް ވަންދެން ބަހައްޓާލާށެވެ.

ކެއުމަށް އިންސާފް ކުރާއިރު މައްޗަށް ކޮތަނބިރި ފަތް ބުރުވާލައިގެން ގާނިޝް ކުރާށެވެ. މިއީ ވަރަށް ފަސޭހަ އަދި އެހާމެ ރަހަ މީރު ރެސިޕީއެކެވެ.



ކިޔުންތެރިންގެ ހިޔާލު