ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ސައިޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ރަސްމީ ތަހުގީގެއް ފަށައިފިއެވެ.

މި ތަހުގީގު ފަށާފައިވަނީ މިއަހަރުގެ މިހާތަނަށް ވެމްކޯގެ ސައިޓުތަކުގައި ނުރައްކާތެރި ދެ ހާދިސާއެއް ހިނގައި، އޭގެ ތެރެއިން އެކަކު މަރުވެފައިވާ ދަނޑިވަޅެއްގައެވެ.

އެޗްއާރްސީއެމުން މި ފިޔަވަޅު އަޅާފައިވަނީ މިދިޔަ ޖަނަވަރީ މަހު ތިލަފުށީ ވެމްކޯ ސައިޓުން ގެއްލިގެން ހޯދަމުންދިޔަ 24 އަހަރުގެ ބިދޭސީ މުވައްޒަފަކު، ދެ ދުވަސް ފަހުން މަރުވެފައި އޮއްވާ ފެނުނު ހާދިސާއާއި، މިދިޔަ އާދިއްތަ ދުވަހު މާލޭގައި ހުންނަ ވެމްކޯގެ ސައިޓެއްގައި ހިނގި ހާދިސާއެއްގައި މުވައްޒަފަކަށް ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލައާ ގުޅިގެންނެވެ. މާލޭގައި ހިނގި ހާދިސާގެ މައްސަލަ އާއިލާގެ ފަރާތުން ފުލުހަށް ހުށަހަޅާފައިވާއިރު، ފުލުހުން ދަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އެޗްއާރްސީއެމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވެމްކޯގައި ކުނި އުކާލުމާއި މެނޭޖުކުރުމުގެ މަސައްކަތުގައި އުޅޭ މުވައްޒަފުންގެ މަސައްކަތު މާހައުލުގެ ރައްކާތެރިކަމާ ގުޅޭ ސީރިއަސް ކަންބޮޑުވުންތަކެއް ފާހަގަވެފައިވާ ކަމަށެވެ. އަދި ތަކުރާރުކޮށް މަސައްކަތު މާހައުލުގައި މުވައްޒަފުންނަށް އަނިޔާލިބި، ފުރާނައަށް ގެއްލުންވާ ހާދިސާތައް ރިޕޯޓުކުރެވެމުންދާތީ، އެ ކޯޕަރޭޝަނުގައި ގާއިމުކޮށްފައިވާ ސަލާމަތީ ފިޔަވަޅުތަކުގެ އެކަށީގެންވާ ކަމާމެދު އާންމުންގެ މެދުގައި ބޮޑެތި ސުވާލުތަކެއް އުފެދިފައިވާ ކަމަށްވެސް އެ ކޮމިޝަނުން ފާހަގަކުރެއެވެ.

މި ތަހުގީގުގެ ތެރެއިން، މަސައްކަތު މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން މަސައްކަތްތެރިންނަށް ލިބިދޭންޖެހޭ ހިމާޔަތް ކަށަވަރުވޭތޯއާއި، އެ މީހުންނަށް ކުރިމަތިވެދާނެ ނުރައްކާތައް އެޗްއާރްސީއެމުން ވަޒަންކުރާނެއެވެ. މީގެ އިތުރުން، އެކަށީގެންވާ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) ފޯރުކޮށްދީ، ރައްކާތެރިވުމުގެ ފިޔަވަޅުތައް ތަންފީޒުކުރާ މިންވަރާއި، މަސައްކަތްތެރިންނަށް ބޭނުންވާ އެކަށީގެންވާ ތަމްރީނުތައް ދީފައިވޭތޯވެސް ބަލާނެ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

އެޗްއާރްސީއެމުން އިތުރަށް ހާމަކުރި ގޮތުގައި، މި ތަހުގީގުގެ ތެރެއިން އެއްވެސް ބިރުދެއްކުމެއް ނުވަތަ ބަދަލުހިފުމުގެ ބިރެއް ނެތި، މަސައްކަތުގެ ރައްކާތެރިކަމާ ގުޅޭ ކަންބޮޑުވުންތައް ފާޅުކުރުމުގެ ފުރުސަތު މުވައްޒަފުންނަށް އޮތް މިންވަރުވެސް ދެނެގަންނާނެއެވެ. އެހެންކަމުން، މި ތަހުގީގަށް އެއްބާރުލުން ދިނުމަށާއި، މިކަމާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ވެމްކޯގެ މުވައްޒަފުންނަށާއި ކަމާގުޅޭ މައުލޫމާތު ލިބިފައިވާ ފަރާތްތަކަށް އެ ކޮމިޝަނުން ވަނީ ގޮވާލާފައެވެ. އަދި ފޯރުކޮށްދޭ ހުރިހާ މައުލޫމާތެއްގެ ސިއްރު ހިފަހައްޓާނެ ކަމުގެ ޔަގީންކަންވެސް އެޗްއާރްސީއެމުން ވަނީ ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު