ޑރ. އާއިޝަތު ރަމީލާ
ޑރ. އާއިޝަތު ރަމީލާ
އެޗްއާރުސީއެމުން އަންނަ އަހަރަށް އެކުލަވާލި ބަޖެޓާއި ފިނޭންސުން ދިން ބަޖެޓުގައި 8 މިލިއަން ރުފިޔާގެ ފަރަގެއް އެބަހުރި ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ ރައީސާ ޑރ. އާއިޝަތު ރަމީލާ މިއަދު ވިދާޅުވެއްޖެއެވެ.

ޑރ. ރަމީލާ މި ކަންބޮޑުވުން ހިއްސާ ކޮށްފައިވަނީ ދައުލަތުގެ ބަޖެޓު ދިރާސާކުރާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި އެޗްއާރުސީއެމްގެ ފަރާތުން މިއަދު ވާހަކަދައްކަވަމުންނެވެ. މި ބައްދަލުވުމުގައި އެކޮމިޝަންގެ އިތުރުން އޭސީސީން ވެސް ވަނީ ބަޖެޓުގެ ދަތިކަމުގެ ޝަކުވާ ކޮށްފައެވެ.

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ ރައީސާ ޑރ. އާއިޝަތު ރަމީލާ ވިދާޅުވީ، ކޮމިޝަނުން އެކުލަވާލި ބަޖެޓާއި ފިނޭންސުން ދިން ބަޖެޓު ސީލިންގާ ދެމެދު ގާތްގަނޑަކަށް 8 މިލިއަން ރުފިޔާގެ ފަރަގެއް ހުރި ކަމަށެވެ. އަދި ސީލިންގަށް ފެއްތުމަށްފަހު ހުށަހެޅި ނަމަވެސް، މަޖިލީހަށް ފޮނުވި ބަޖެޓުގައި އިތުރު 1 މިލިއަން ރުފިޔާ އުނިކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ކޮމިޝަނުން ވަނީ ނޭޝަނަލް ޕޭ ފްރޭމްވޯކް ތަންފީޒު ކުރުމާއި މުވައްޒަފުންގެ އުޖޫރައާ ގުޅޭގޮތުން ހުރި ގޮންޖެހުންތައް ހިއްސާކޮށްފައެވެ. އެޗްއާރުސީއެމުން ބުނީ މި އޮނިގަނޑު ފުރިހަމައަށް ތަންފީޒު ކުރުމަށް މުސާރައިގެ ބަޖެޓު ބޮޑުކުރަންޖެހޭ ކަމަށެވެ. އެޗްއާރުސީއެމްއިން ބުނީ އާ އޮނިގަނޑަށް ފެއްތުމުން މުސާރަ ކޯޑަށް ބޮޑު އަދަދެއް އިތުރުވާނެ ކަމަށެވެ.

"މި އަހަރު ބަޖެޓު ކަނޑައަޅާފަ ފޮނުވުމަށް ފަހު ޕޭ ކޮމިޝަންގެ މުސާރައިގެ އޮނިގަނޑުގެ ތެރެއަށް މުވައްޒަފުން މިވަނީ. އެހެންވެ ހުށަހެޅި ބަޖެޓުގައި އެ އަދަދެއް ނީންނާނެ، ޕޭ ކޮމިޝަނުން އަލަށް މުވައްޒަފުންނަށް ދެއްވަން ނިންމި މުސާރައިގެ ބައި ހިމެނިފައެއް." އޭނާ ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކުރި ބަޖެޓުގައި އެޗްއާރްސީއެމަށް ކަނޑައަޅާފައި އޮތީ 29.7 މިލިއަން ރުފިޔާ އެވެ.



ކިޔުންތެރިންގެ ހިޔާލު