މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދިވެހިރާއްޖޭގެ އިޤުތިޞާދަށް ސީދާ ގޮތުން ނޭދެވޭ އަސަރުތަކެއް ކުރާނެތީ، ދައުލަތުގެ ޚަރަދުތައް ކުޑަކޮށް ވިސްނުންތެރިކަމާއެކު އިޤުތިޞާދު ހިފެހެއްޓުމަށް ފިޔަވަޅުތައް އަޅަންޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިސަލް މިހެން ވިދާޅުވީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެދާނެ ގޮންޖެހުންތަކަށް އަލިއަޅުވާލައްވައި، އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ފައިސަލް ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ޤައުމަކަށް ވާއިރު، ހަނގުރާމައިގެ ސަބަބުން ވައިގެ ސަރަހައްދުތައް ބަންދުކޮށް ފްލައިޓްތައް ކެންސަލްވުމަކީ ރާއްޖޭގެ އިޤުތިޞާދުގެ މައިނާރަށް ލިބޭ ބޮޑު ލޮޅުމެކެވެ. މިގޮތުން މިހާރުވެސް އެތައް ހާސް ފަތުރުވެރިންނެއް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ތާށިވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އީރާނުން ހޮރުމޫޒް ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން ތެލާއި ބައިނަލްއަޤުވާމީ ވިޔަފާރީގެ މުއާމަލާތްތަކަށް ބުރޫއަރާފައިވާ ކަމަށްވެސް ފައިސަލް ވަނީ ވިދާޅުވެފައެވެ.

"މުޅިން އިމްޕޯޓަށް ބަރޯސާވެފައިވާ މިޤައުމަށް ހަނގުރާމައިގެ ސަބަބުން ލިބިދާނެ އިޤުތިޞާދީ ގެއްލުންތަކުގެ ސަބަބުން، ޚާއްޞަކޮށް މިފަދަ ރަމަޟާން މަހެއްގައި ތެލާއި ކާބޯތަކެތީގެ ދަތިކަން ކުރިމަތި ނުވާނޭކަމުގެ ކަށަވަރުކަން ސަރުކާރުން ރައްޔިތުންނަށް ހޯދައިދޭން ޖެހޭ،" ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވަނީ އާންމު ރައްޔިތުންގެ ދިރިއުޅުމަށް ކޮށްފާނެ އަސަރުތަކަށް މިހާރުގެ ސަރުކާރުން ތައްޔާރުވެފައިވާ މިންވަރާ މެދު ސުވާލު އުފައްދަވާފައެވެ. އަދި ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށާއި، އިޤުތިޞާދީ ދާއިރާގެ މާހިރުންގެ ލަފަޔާ އެކު އަވަސް ފިޔަވަޅުތަކެއް އެޅުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

2019 ވަނަ އަހަރު ދިމާވި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތަޖުރިބާއަށް އަލިއަޅުވާލައްވަމުން ފައިސަލް ވިދާޅުވީ، އެ ދުވަސްވަރު ލިބުނު ބޮޑެތި ގެއްލުންތަކުން ރައްޔިތުން ސަލާމަތްކުރެވުނީ ވިސްނުންތެރިކަމާއެކު މަސައްކަތް ކުރުމުން ކަމަށެވެ. ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިޤުތިޞާދަށް ލިބޭ ގެއްލުންތައް އިޢާދަވާން ގިނަ ދުވަސްތަކެއް ނަގާނެ ކަމަށް ބެލެވޭތީ، މި ވަގުތަކީ ރާއްޖެއިންވެސް ދުރާލައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަންޖެހޭ ވަގުތު ކަމަށްވެސް ފައިސަލް ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު