މަގު ހެދުމާއި ގެދޮރު އިމާރާތްކުރުން ފަދަ ތަރައްގީގެ ބައެއް މުހިންމު މަޝްރޫއުތައް ހިންގާއިރު، ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ނުވަތަ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހަދަން ނުޖެހޭ ގޮތަށް ސަރުކާރުން ގަވާއިދަށް ބަދަލު ގެނެސްފިއެވެ.

ތިމާވެއްޓާ ބެހޭ ވުޒާރާއިން އާންމުކުރި މި އިސްލާހަކީ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދަށް ގެނެވުނު ބަދަލެކެވެ. މި ބަދަލާއެކު، އީއައިއޭ ހަދަން ނުޖެހޭ މަޝްރޫއުތަކުގެ ލިސްޓަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ކުރިން އެ ރިޕޯޓު ހެދުން މަޖުބޫރުކޮށްފައިވާ ބައެއް ބޮޑެތި މަސައްކަތްތައް މިހާރު ވަނީ އެ ލިސްޓުން އުނިކޮށްފައެވެ.

އަލަށް އާންމުކުރި ލިސްޓުގައިވާ ގޮތުން، އީއައިއޭ ނުހަދާ ކުރިއަށް ގެންދެވޭނެ ޖުމްލަ 25 ބާވަތެއްގެ މަސައްކަތް ހިމެނެއެވެ. މީގެ ތެރޭގައި އާންމުންގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމާއި، ރަށްރަށުގެ މަގުތައް ހެދުމާއި ތާރު އެޅުމުގެ މަސައްކަތްތަކާއި، އެއްގަމު ތޮށްޓާއި ފާލަން ފަދަ ތަންތަން އަސްލަށް ބަދަލު ނާންނާނެ ގޮތަށް މަރާމާތުކުރުމާއި، ރަށްރަށުގައި ގާއިމުކުރާ ކުނި މެނޭޖްކުރާ މަރުކަޒުތައް ހެދުން ހިމެނެއެވެ.

ހަމައެއައެކު، މީހުން ދިރިއުޅޭ ރަށްރަށުގައި 5،000 އަކަފޫޓަށް ވުރެ ކުދި ބިންތަކުގައި ދަނޑުވެރިކަން ކުރުމާއި، ގޯތިތެރޭގައި ގަސް ހެއްދުމާއި، އަމިއްލަ ބޭނުމަށް ފެންވަޅު ބެހެއްޓުން ފަދަ ކަންކަމަށް އީއައިއޭ ބޭނުމެއް ނުވާނެއެވެ. އަދި 300 ކިލޯވޮޓަށް ވުރެ ދަށް ކެޕޭސިޓީގެ ވަގުތީ ޖަނަރޭޓަރު ބެހެއްޓުން ވެސް ވަނީ މި ލިސްޓުގައި ހިމަނާފައެވެ.

އޭގެއިތުރުން ތިމާވެއްޓާ ރައްޓެހި ހަކަތައަށް ހިތްވަރު ދިނުމުގެ ގޮތުން، އިމާރާތްތަކުގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކުރުމަށް ވެސް މިހާރު އީއައިއޭ ހަދާކަށް ނުޖެހެއެވެ. ހަމައެހެންމެ، ބިންހިއްކުމާއި ރުއްގަސް ކެނޑުން ފަދަ ތިމާވެއްޓަށް ބޮޑެތި އަސަރުކުރާނެ ކަންކަން ނުހިމެނޭ ގޮތަށް ޖަހާ މުވާސަލާތީ ޓަވަރުތަކާއި އެންޓަނާތަކަށް ވެސް މި ލުއި ދީފައިވެއެވެ. އަދި ފަޅުތެރެ ކޮނުމަކާ ނުލައި އޮޑިދޯނިފަހަރު އެހެލައި ބޭލުމާއި، އެންކޮށި ބެހެއްޓުން ފަދަ ކަންކަން އީއައިއޭ ނުހަދާ ކުރެވޭނެއެވެ.

ސަރުކާރުން މިގޮތަށް އުސޫލު ބަދަލު ކޮށްފައިވާއިރު، މިދިޔަ އަހަރު ވަނީ އެންވަޔަރަންމަންޓް ޕްރޮޓެކްޓްޝަން އެޖެންސީ (އީޕީއޭ) ގެ ނަން "އެންވަޔަރުމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ" (އީއާރުއޭ) ގެ ނަމަށް ބަދަލުކޮށްފައެވެ. މި ބަދަލާއެކު އެ އިދާރާގެ ހިންގުމަށާއި މަސްއޫލިއްޔަތުތަކަށް ވެސް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.

އަދި ގަވާއިދަށް ގެނެވުނު އިސްލާހުތަކާއެކު، ކައުންސިލްތަކަށާއި ސަރުކާރުގެ ވުޒާރާތަކަށް މަޝްރޫއުތައް ފެށުމުގައި ހޭދަވާ ވަގުތު ވަރަށް ބޮޑަށް ސަލާމަތް ކުރެވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު