މަކުނުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާއީ
މަކުނުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާއީ
ސަރުކާރު ކޯލިޝަންގެ ވަޒީރުން އެމްޑީޕީގެ ފިކުރަށް ބަދަލުވުމަށް މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ގޮވާލައްވައިފިއެވެ.

އެމްޑީޕީން ނެރޭ "ޚަބަރު ސިޓީ"ގައި އެޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ޢަލީ އާޒިމް ލިޔުއްވާފައިވާ ލިޔުމާއި ގުޅިގެން ރާއީ ކުރެއްވި ޓްވީޓްގައި ވިދާޅުވީ އެމްޑީޕީގެ މެނިފެސްޓޯ ސަރުކާރުގެ ތެރެއިން އެކަށީގެންވާ ގޮތެއްގައި ތަންފީޒު ވަމުންދާ މަންޒަރު ފެންނަމުން ނުދާކަމަށެވެ. އެހެންކަމުން ކޯލިޝަން ޕާޓީތަކުގެ ވަޒީރުން އެމްޑީޕީގެ ފިކުރަށް ބަދަލު ވުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

"އެމް.ޑީޕީގެ ސަރުކާރާއި އެކު މަސައްކަތް ކުރަން އަދި ޕާޓީގެ މެނިފެސްޓޯ އިހްލާސްތެރި ކަމާއި އެކު ތަންފީޒު ކުރަން ބޭނުންވާ ކަމުގައިވާނަމަ، ކޯލިޝަންގެ ވަޒީރުން އެމްޑީޕީގެ ފިކުރަށް ބަދަލު ވާންޖެހޭ." މެމްބަރު ރާއީ ވިދާޅުވިއެވެ.

އެމްޑީޕީގެ ޚަބަރު ސިޓީއަށް ލިޔުއްވި ލިޔުއްވުމުގައި ކޯލިޝަން ސަރުކާރުގައި ހިމެނޭ އެހެން ޕާޓީތަކުގެ ނިޔަތާމެދު ސުވާލު އުފައްދަވަމުން އާޒިމް ވިދާޅުވީ، ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުން އަންނަ ރިޔާސީ އިންތިހާބަށް މިހާރުވެސް ތައްޔާރުވާން ފަށާފައިވާ ކަމަށާއި، އެ ޕާޓީތަކުގެ ފިކުރުގެ މީހުންނަށް ވަޒީފާއާއި ޕްރޮޖެކްޓުތައް ހަވާލުކުރުން ފަދަ ކަންކަމުން ސަރުކާރުގައި ތިބެގެން އޭގެ ފައިދާ ނަގަމުންދާ ކަމަށެވެ.

އަތޮޅު ތެރޭގައި އެކަން ހާއްސަކޮށް ފާހަގަކުރެވޭއިރު، އެކަމުގެ ސަބަބުން 2012 އިން ފެށިގެން ހެޔޮ ވެރިކަމެއް ގާއިމުކޮށްދިނުމަށް ގުރުބާންވީ އެމްޑީޕީ މެންބަރުން ބާކީވެ، ޕާޓީ ދެކެ ފޫހިވެ، މާޔޫސްވެފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ. އެހެންކަމުން، އަންނަ ރިޔާސީ އިންތިހާބަށް އެމްޑީޕީ ނުކުންނާނީ ކޯލިޝަންގެ ތެރެއިންތޯ ނުވަތަ ވަކިންތޯ މިއީ ވަރަށް އަވަހަށް ނިންމަންޖެހޭ ކަމެއް ކަމަށް އާޒިމް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން