ކުރީގެ ޚާރިޖީ ވަޒީރު ޢަބްދުالله ޝާހިދު
ކުރީގެ ޚާރިޖީ ވަޒީރު ޢަބްދުالله ޝާހިދު
ރާއްޖެއާ ގާތް ގުޅުން އޮންނަ އަދި ޒަމާންވީ ތަރައްޤީގެ ބައިވެރި ޤައުމުތައް، ރާއްޖޭގެ ދާޚިލީ ސިޔާސީ ކަންކަމުގެ ތެރެއަށް ވެއްދުމަކީ ޤައުމީ މަސްލަޙަތު އޮތް ކަމެއް ނޫން ކަމަށާއި، އިދިކޮޅު ފަރާތްތަކުން ދެކޮޅު ހަދަނީ މި ސަރުކާރުގެ ދެފުށް ނުފެންނަ ސިޔާސަތުތަކަށް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ ތަޖުރިބާތަކުން ވަރަށް ސާފުކޮށް ފެންނަން އޮތް ޙަޤީޤަތަކީ، އެކުވެރި ޤައުމުތައް ސިޔާސީ ވާދަވެރިކަމުގެ ތެރެއަށް ވެއްދުމަކީ ޤައުމަށް އެންމެ ފައިދާހުރި ގޮތް ނޫން ކަމެވެ. އަދި އެ ޤައުމުތަކާ އެކު އޮންނަ ގުޅުމަކީ ވަކި ޕާޓީއެއްގެ ސިޔާސީ މަސްލަޙަތަށް ވުރެ މަތީގައި ބާއްވަންޖެހޭ ގުޅުމެއް ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އިދިކޮޅު ފަރާތްތަކުގެ ދައުރަށް އަލިއަޅުއްވާލައްވަމުން ޝާހިދު ވިދާޅުވީ، އިދިކޮޅު ޕާޓީއެއްގެ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތަކީ ސަރުކާރާ ދެކޮޅަށް ކުރާ ވަކާލާތުތައް ކަމަށެވެ. އެގޮތުން، އިދިކޮޅުން ދެކޮޅު ހަދަނީ މި ސަރުކާރުގެ ދެފުށް ނުފެންނަ ސިޔާސަތުތަކާއި، ސިއްރު އަދި ނޭއްގާނީ މުއާމަލާތްތަކުގެ އިތުރުން ޤައުމީ މަސްލަޙަތަށް ގެއްލުންވާ ފަދަ ނިންމުންތަކަށް ކަމަށް ޝާހިދު ވިދާޅުވިއެވެ.

މީގެއިތުރުން، ސަރުކާރުގެ ތެރޭގައި އޮތް ކޮރަޕްޝަނާއި، ސިޔާސަތުތައް އަވަސްއަވަހަށް ބަދަލުކުރުމާއި، ރައްޔިތުންނަށް ވެފައިވާ ވަޢުދުތަކާ ޚިލާފުވުމަކީ ވެސް ދެކޮޅު ހަދާ މައިގަނޑު ސަބަބުތައް ކަމުގައި ޝާހިދު ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު، ބޭރު ޤައުމުތަކާއެކު އޮތް ޒަމާންވީ ރަޙުމަތްތެރި ކަމުގެ ގުޅުމަށް ކިލަނބުކަމެއް ނާންނާނެ ގޮތެއްގެ މަތިން، ޤައުމީ މަސްލަޙަތު އިސްކޮށްގެން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ވެސް ޢަބްދުﷲ ޝާހިދު ވަނީ ދެއްވާފައެވެ.

ޝާހިދު މިހެން ވިދާޅުވެފައިވާއިރު، ރަސްމާލޭގައި އީގަލްހިލްސް އިން ކުރިއަށް ގެންދަންއުޅޭ ބޮޑު މަޝްރޫޢުއާ ދެކޮޅަށް ރާއްޖޭގެ ބައެއް ސިޔާސީ ފަރާތްތައް ވަނީ ތެދުވެފައެވެ. ނަމަވެސް އެކަމުގައި އިދިކޮޅު އެމްޑީޕީން މިހާތަނަށް ރަސްމީކޮށް ބައިވެރިވާކަން ހާމަކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު