ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް
ރާއްޖޭގެ ކުރިއެރުމަށާއި، ތަރައްޤީއަށް އަދި ޤައުމުގެ ހަމަޖެހުމަށް އެންމެ ފައިދާހުރި ގޮތަކީ ގިނަގިނައިން އިންތިހާބުތައް ބޭއްވުން ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިއާއަކުން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ، ވެރިން ރަށްރަށަށް ދަތުރުކުރަނީ އާންމުކޮށް އެ ބޭފުޅުންގެ އަމިއްލަ ބޭނުމެއް އޮތުމުން ކަމަށެވެ. އަދި އިންތިހާބެއް ބޯމަތިނުވާނަމަ، ވެރިޔަކު ރައްޔިތުންގެ ގާތަށް ރަށްރަށަށް ވަޑައިނުގަންނަވާނެ ކަމަށްވެސް ފައިސަލް ފާހަގަކުރެއްވިއެވެ.

"އެހެންނޫނީ ވެރިޔަކު ނުދާނެ ރަށަކަށް، ވެރިން ރަށްރަށަށް ދަތުރު މިކުރަނީ އެމީހުންގެ ބޭނުމެއް އޮތީމަ، އެއީ ތިން އިންތިހާބު މިހާރު އޮތީތީވެ، ރައީސުލްޖުމްހޫރިއްޔާގެ އިންތިހާބާއި ދެން އަންނަ އިންތިހާބުތަކުގެ މެޖޯރިޓީ ހޯދުމުގެ ބޭނުމުގަ، އެހެން ނޫންނަމަކަ ރަށްރަށަށް ދަތުރެއް ނުކުރާނެ،" ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވި ގޮތުގައި، ވެރިން މިހާރު ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކަކީ ރައްޔިތުންނާ ބައްދަލުކޮށް ވޯޓު ހޯދުމުގެ މަގުސަދުގައި ކުރައްވާ ދަތުރުފުޅުތަކެއް ނަމަވެސް، މީގެ ސަބަބުން ރަށްރަށަށް ތަރައްޤީ ލިބުމުގެ ފުރުސަތު ބޮޑުވެއެވެ. އެގޮތުން، ތަކުރާރުކޮށް ރަށަކަށް އަރައި ވައުދުތައް ވުމުން، ކޮންމެވެސް ހިސާބަކުން އެ މަސައްކަތެއް ކުރަން ވެރިންނަށް މަޖުބޫރުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. "އެއްފަހަރު އަރާއިރުވެސް ބަނދަރު ހަދައިދޭނެ ވާހަކަ، ދެވަނަ ފަހަރުވެސް، ތިންވަނަ ފަހަރުވެސް. ކޮންމެވެސް ހިސާބަކުން އަޅެ ކޮންމެވެސް ކަމެއް ކުރާނެ ނޫންތޯ،" ފައިސަލް ވިދާޅުވިއެވެ.

ރާއްޖޭގެ ރަށްތަކަށް ފާއިތުވި ދުވަސްތަކުގައި ލިބުނު ކުރިއެރުމަކީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން، ރައްޔިތުންގެ ބޭނުންތައް ދެނެގަނެވިގެން ލިބުނު ކުރިއެރުންތަކެއްކަން ފައިސަލް ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންގެ ފަރާތުން ބޭނުންވަނީ ހަމައެކަނި ވޯޓެއް ނޫންކަން ވެރިންނަށް ވިސްނުމަކީ ކަންތައްތައް ރަނގަޅުވުމުގެ އަސްލު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިންތިހާބުތައް މަދުކުރުމުގެ ވިސްނުމާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން ފައިސަލް ވިދާޅުވީ، ހަމަޖެހުން ގާއިމްކުރެވެނީ ވާދަވެރި ސިޔާސީ މާހައުލެއްގައި ހަމަހަމަ ފުރުސަތުތައް ލިބިގެން ކަމަށެވެ. ގާނޫނު އަސާސީގެ ދެވަނަ ބާބުން ރައްޔިތުންނަށް ލިބިދޭ ހައްގުތަކާއި ވާދަވެރިކަން ގެއްލުވާލުމަކީ ގައުމުގައި ހަމަނުޖެހުން އުފެދުމަށް މަގުފަހިވާނެ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު