އެއަރޕޯޓް ޓެކްސީ ލައިން
އެއަރޕޯޓް ޓެކްސީ ލައިން
ސަރުކާރުން އަލަށް ތައާރަފްކުރުމަށް ހަމަޖެހިފައިވާ ޓެކްސީ ލައިންގެ ހިދުމަތަށް ބޭނުންވާ ޕާޓްޓައިމް ޑްރައިވަރުންނަށް އޮންލައިންކޮށް ރަޖިސްޓްރީ ކުރެވޭނެ އިންތިޒާމު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން ހަމަޖައްސައިފިއެވެ.

މިކަމާ ގުޅިގެން އެމްޓީސީސީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، ޓެކްސީ ލައިންގެ ހިދުމަތާ ގުޅެން ބޭނުންވާ ޕާޓްޓައިމް ޑްރައިވަރުންނަށް އެ ކުންފުނިން ޚާއްސަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް މިހާރު ރަޖިސްޓްރީ ކުރެވޭނެ ކަމަށެވެ. މިއީ މި ޚިދުމަތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ކުރި ކަމެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

ސަރުކާރުގެ ޓެކްސީ ލައިންގެ މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީން މި ޚިދުމަތަށް ބޭނުންވާ ފުލްޓައިމް އަދި ޕާޓްޓައިމް ޑްރައިވަރުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެންނެވެ. އެގޮތުން، ފުލްޓައިމް ޑްރައިވަރުންގެ ގޮތުގައި 285 މީހުން ހޯދުމަށް އިއުލާންކޮށްފައިވާއިރު، ޕާޓްޓައިމްކޮށް މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް 122 ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ޑްރައިވަރުންގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ލައިސަންސް ކެޓަގަރީ ބީ1 ނުވަތަ ބީ2 އޮތުމެވެ. ޓެކްސީ ލައިނަށް ޑްރައިވަރުން ހޯދުމަށްޓަކައި އެމްޓީސީސީން މި މަހުގެ ތެރޭގައިވެސް ވަނީ 'ވޯކިންގް އިންޓަވިއު' ތަކެއް ކުރިއަށް ގެންގޮސްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މި ޚިދުމަތް ތައާރަފްކުރަނީ މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންނަށް އިތުބާރު ހުރި ޓެކްސީގެ ޚިދުމަތެއް ފޯރުކޮށްދިނުމުގެ މަގުސަދުގައެވެ.



ކިޔުންތެރިންގެ ހިޔާލު