ތިނަދޫ
ތިނަދޫ
ގދ. ތިނަދޫ ވެމްކޯ ސައިޓުގައި ވަޒީފާ އަދާކުރަމުންދިޔަ ތިން މުވައްޒަފަކު، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ އެމްޑީޕީގެ މޭޔަރު ކެންޑިޑޭޓާއެކު ފޮޓޯއެއް ނެގި މައްސަލައެއްގައި އެ މުވައްޒަފުންނަށް ހަރުކަށި ފިޔަވަޅު އަޅައި، ރާއްޖޭގެ އެންމެ އުތުރަށް ފޮނުވާލި ކަމުގެ ޚަބަރުތަކެއް މީސްމީޑިއާގައި ދައުރުވާން ފަށައިފިއެވެ.

ސަރުކާރު ހިންގާ ޕީއެންސީ ނޫން އެހެން ކެންޑިޑޭޓަކަށް ތާއީދުކުރިކަން ހާމަވުމުން، އެ ތިން މުވައްޒަފުން މިހާރު ވަނީ އެމީހުންގެ އުފަން ރަށާއި، އާއިލާއާއި ދުރަށް، ހއ. އަދި ހދ. އަތޮޅުގެ ރަށްތަކަށް 6 މަސް ދުވަހުގެ މުއްދަތަށް ބަދަލުކޮށްފައެވެ. ރާއްޖޭގެ އެންމެ ދެކުނުން އެންމެ އުތުރަށް މި މުވައްޒަފުން ފޮނުވާލުމަކީ އެމީހުންގެ އާއިލީ ދިރިއުޅުމަށް ދިން ވަރަށް ބޮޑު ގެއްލުމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.

މިއީ އިންތިޚާބާ ދިމާކޮށް، ވާދަވެރި ސިޔާސީ ފިކުރުގެ މީހުންނަށް ބިރުދެއްކުމަށާއި، ނުފޫޒު ފޯރުވުމަށް ގަސްތުގައި ދެމުންދާ އަނިޔާއެއްގެ ގޮތުގައި ތިނަދޫގެ ބައެއް ރައްޔިތުން ދަނީ ބުނަމުންނެވެ. މި ހާދިސާއާ ގުޅިގެން ކަންބޮޑުވުން ފާޅުކުރާ ފަރާތްތަކުން ބުނަމުންދަނީ މިއީ "އަނިޔާވެރި" ޢަމަލެއް ކަމަށެވެ. އަދި ވަޒީފާގެ ބިރުވެރިކަން ނައްތާލާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގަތް ވައުދާ މި އަމަލު މުޅިން ޚިލާފުކަން އެފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.

އިންތިޚާބުތަކާ ދިމާކޮށް ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް މިފަދަ ސިޔާސީ ފިޔަވަޅުތައް އެޅުމަކީ ޑިމޮކްރެޓިކް ނިޒާމެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އަނިޔާވެރިކަމާއި ވަޒީފާގެ ބިރުދެއްކުން އެއްކޮށް ނައްތާލާނެ ކަމުގެ ފޮނި ވައުދުތަކަކާއެކު ވެރިކަމާ ހަވާލުވި ސަރުކާރުން، ސިޔާސީ ފިކުރު ތަފާތުވުމުގެ ސަބަބުން މުވައްޒަފުންނަށް ދަތިކޮށް، އާއިލާތައް ބިކަކުރުމުގެ އަމަލުތަކެއް ހިންގާތީ ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު