ހޮމްރޫޒް ކަނޑުއޮޅި
ހޮމްރޫޒް ކަނޑުއޮޅި
ދުނިޔޭގެ ތެލުގެ ވިޔަފާރީގައި އެންމެ މުހިންމު އެއް މަގު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅިން (ސްޓްރެއިޓް އޮފް ހޯރްމުޒް) "ޢަދާވާތްތެރި ނޫން" ބޯޓުތަކަށް ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ ކަމަށް އީރާނުން ބައިނަލްއަގްވާމީ މެރިޓައިމް އޯގަނައިޒޭޝަން (އައި.އެމް.އޯ) އަށް އަންގާފައިވާ ކަމަށް ނިއުޔޯކް ޓައިމްސްއިން ރިޕޯޓް ކޮށްފިއެވެ. މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ކަނޑުގެ ދަތުރުފަތުރަށް ބޮޑެތި ބުރޫތަކެއް އަރާފައިވަނިކޮށް، އީރާނުން މިފަދަ ނިންމުމެއް ނިންމާފައިވަނީ މިދިޔަ މާޗް މަހުގެ 22 ވަނަ ދުވަހުއެވެ.

އީރާނުގެ ފޮރިން މިނިސްޓްރީން ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، އެމެރިކާ ނުވަތަ އިސްރާއީލާ ގުޅުން ނެތް އަދި އީރާނާ ދެކޮޅަށް ހިންގާ އެއްވެސް އަމަލެއްގައި ބައިވެރިނުވާ އުޅަނދުފަހަރަށް އެ ސަރަހައްދުން ދަތުރުކުރުމުގެ ހުއްދަ ދޭނެ ކަމަށެވެ. ތެހެރާނުން މި ފިޔަވަޅު ސިފަކޮށްފައިވަނީ ދުޝްމަނުން އެ ކަނޑުއޮޅި ބޭނުންކުރުން ހުއްޓުވުމަށް އެޅި "ކޮންމެހެން ބޭނުންތެރި އަދި ނިސްބަތުން އަޅާ ފިޔަވަޅެއް"ގެ ގޮތުގައެވެ.

އީރާނުން މިފަދަ ޔަގީންކަމެއް ދިން ނަމަވެސް، ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުގެ މެދުގައި އަދިވެސް ކަންބޮޑުވުންތައް އެބަހުއްޓެވެ. ސަލާމަތީ ރިސްކު ބޮޑުވުމުގެ ސަބަބުން ގިނަ ޓޭންކަރު އޮޕަރޭޓަރުން މިހާރުވެސް ވަނީ އެ މަގުން ދަތުރުކުރުން ހުއްޓާލާފައެވެ. ދުނިޔޭގެ ތެލާއި ގޭހުގެ ގާތްގަނޑަކަށް 20 އިންސައްތަ އާންމުކޮށް އުފުލަނީ މި ހަނި ކޯރިޑޯއިން ކަމަށްވާއިރު، މިކަމުގެ ސަބަބުން ދުނިޔޭގެ ސަޕްލައިއަށް ވަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފައެވެ. ކަނޑުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިހާރުވެސް 800 އެއްހާ ޓޭންކަރު ކަނޑުއޮޅީގެ ދެފަރާތުގައި މަޑުކޮށްގެން އެބަތިއްބެވެ.

މި އިއުލާނާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 5 އިންސައްތައަށް ވުރެ ދަށްވި ނަމަވެސް، އަދިވެސް އަގުތައް ހުރީ ހަނގުރާމައިގެ ކުރިން ހުރި މިންވަރަށް ވުރެ މަތީގައެވެ. އީރާނުން ބުނާ ގޮތުގައި މި ސަރަހައްދުގައި ދާއިމީ ހަމަޖެހުމެއް އޮންނާނީ އަސްކަރީ އަމަލުތައް މުޅިން ހުއްޓާލުމުންނެވެ.

މި މައްސަލައާ ގުޅޭގޮތުން އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އީރާނާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށާއި، އީރާނުން އެއްބަސްވުމަކަށް އައުމުގެ ޝައުގުވެރިކަން ހުރި ކަމަށެވެ. އީރާނުން ރަސްމީ މަޝްވަރާތައް ދޮގުކުރި ނަމަވެސް، މެދުވެރިން މެދުވެރިކޮށް ނުސީދާ މުއާމަލާތްތައް ކުރާކަމަށް ވަނީ އެއްބަސްވެފައެވެ.

މާހިރުން ދެކޭ ގޮތުގައި އީރާނުގެ މި މެސެޖަކީ އެ ގައުމުން ރަސްމީކޮށް ކަނޑުއޮޅި ބަންދުކޮށްފައި ނުވާކަން ދެއްކުމަށް ކުރި ކަމެކެވެ. ނަމަވެސް، ފެބްރުއަރީ 28 ގައި ހަމަނުޖެހުން ފެށުނު ފަހުން އެ ސަރަހައްދުން ދަތުރުކުރި 17 އުޅަނދަކަށް ހަމަލާދީފައިވާތީ، އިންޝުއަރެންސް ކުންފުނިތަކުން އަދިވެސް ދެކެނީ މިއީ ނުރައްކާތެރި ސަރަހައްދެއްގެ ގޮތުގައެވެ. މި ހާލަތުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރަމުންދަނީ މެދުއިރުމަތީގެ ހަކަތައަށް ބަރޯސާވާ އޭޝިއާގެ ގައުމުތަކުގެ އިގްތިސާދަށެވެ.



ކިޔުންތެރިންގެ ހިޔާލު