މަރްޔަމް ނަހްދާ ވަޙީދު   12 މޭ 2026 - 8:58
އޮމާންގެ ސަލާލާހް ތެޔޮ ސްޓޯރޭޖު-
އޮމާންގެ ސަލާލާހް ތެޔޮ ސްޓޯރޭޖު-
ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގު މިއަހަރުގެ ބާކީ އޮތް ދުވަސްތަކުގައި 100 ޑޮލަރަށްވުރެ މަތީގައި ހުންނާނެ ކަމަށް މަޝްހޫރު އިންވެސްޓްމަންޓް ބޭންކް، ޖޭޕީ މޯގަންއިން ލަފާކޮށްފިއެވެ.

އެ ބޭންކުން ހޯމަ ދުވަހު ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ، ބައިނަލްއަގުވާމީ މަސްރަހުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ތެލުގެ ސަޕްލައި އާންމު ހާލަތަކަށް އައުމަށް ގިނަ ދުވަސްތަކެއް ނަގާނެ ކަމަށެވެ.

ތެލުގެ އަގު އަނެއްކާވެސް އުފުލެން ފަށާފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކެވި ވާހަކަފުޅުތަކަކާ ގުޅިގެންނެވެ. ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއިން ހުށަހެޅި ހުށަހެޅުމަށް އީރާނުން ދިން ޖަވާބަކީ ބަލައިގަނެވޭނެ އެއްޗެއް ނޫން ކަމަށް ޓްރަމްޕް ވިދާޅުވުމާއެކު، ބާޒާރުގައި ތެލުގެ އަގު ވަނީ ހަތަރު އިންސައްތަ އުފުލިފައެވެ. މިއާއެކު މިހާރު ތެޔޮ ފީފާއެއްގެ އަގު ހުރީ 105.94 ޑޮލަރުގައެވެ.

ޖޭޕީ މޯގަންގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ ހޯމްޒް ކަނޑުއޮޅި އަންނަ މަހު ހުޅުވާލި ކަމުގައިވީނަމަވެސް، އަގުތައް ވަގުތުން ދަށަކަށް ނުދާނެއެވެ. މީގެ މައިގަނޑު ސަބަބުތަކަކީ ތެޔޮ އުފުލާ ބޯޓުތައް ލިބުމުގެ ދަތިކަމާއި، ތެޔޮ ސާފުކުރާ ކާރުޚާނާތައް އަލުން ހިންގުމަށް ބޭނުންވާ ވަގުތު އަދި ތެޔޮ ފޯރުކޮށްދިނުމުގެ ނިޒާމަށް ދިމާވެފައިވާ ހުރަސްތަކެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ހަނގުރާމަ ފެށުނު ފަހުން ހޯމްޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތުމުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ވަނީ ބޮޑު ލޮޅުމެއް އަރާފައެވެ. ޖޭޕީ މޯގަންއިން ލަފާކުރާ ގޮތުގައި މިއަހަރުގެ އެވްރެޖް އަގު 97 ޑޮލަރުގައި ހުރި ނަމަވެސް، ކުރިއަށް އޮތް މަސްތަކުގައި އަގުތައް ހުންނާނީ 100 ޑޮލަރަށްވުރެ މަތީގައެވެ.



ކިޔުންތެރިންގެ ހިޔާލު