ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެ އާއި ރާއްޖޭގެ ބޮޑެތި ސިޓީތަކުގެ މެޖޯރިޓީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ނަގައި، މި ސަރުކާރު ފެއިލްވެފައިވާކަން ސާބިތުކޮށްދޭނެ ކަމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގައި ރޭ ބޭއްވި އެމްޑީޕީގެ "ލޯކަލް ކައުންސިލް އިންތިޚާބު 2026" ގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ޣަފޫރު ވިދާޅުވީ، ބިރުދެއްކުމެއް ނެތި މި ގައުމުގައި މިނިވަންކަމާއެކު ވޯޓުލައިފި ނަމަ، މިހާރު އޮތް ސަރުކާރަށް ވޯޓުދޭނެ އެއްވެސް ރައްޔިތަކު މި ގައުމުގައި ނެތް ކަމަށެވެ. އަދި މިހާރުވެސް އެމްޑީޕީން އޮތީ އިންތިޚާބު ކާމިޔާބުކޮށްފައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ވަޒީފާގެ ބިރުދައްކައިގެންނާއި، ލާރި ބަހައިގެން ހޯދާ އެއްޗަކީ ވޯޓެއް ނޫން. ތިޔަ ވިސްނުމަކީ ނުބައި ވިސްނުމެއް. ތިޔަ ތިބީ މުނާފިޤުވެފައި ހުރިހާ މީހުން ވެސް ތިޔަ ގޮތަށް ވިސްނައިގެން ނެތް މިޤައުމުގެ ރައްޔިތުންނަކައިގެން ކުރިއަކަށް ނުދެވޭނެ މިޤައުމުގެ ރައްޔިތުން ބޭނުންވަނީ ތަރައްޤީ ރައްޔިތުން ބޭނުންވަނީ ރައްޔިތުންގެ އިހުސާސްތަށް ދަންނަ ބަޔަކު ވެރިކަމުގައި ތިބެން ،" މަަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު ޣަފޫރު ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ ތަރައްޤީއަށް އިޝާރާތް ކުރައްވަމުން ޣަފޫރު ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުގެ ދެ އަހަރު ބައިގެ ތެރޭގައި އައްޑޫއަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާނެ ކަމަށެވެ. ނަމަވެސް މިހާރުގެ ސަރުކާރުން އައްޑޫއަށް އަޅާނުލާ ކަމަށާއި، ރައްޔިތުންނަށް ދަތިވާ ގޮތަށް ކަންކަން ކުރަމުންދާއިރު، އައްޑޫ ރައްޔިތުންގެ ގާތަށް ވޯޓު ހޯދަން އަންނަން މި ސަރުކާރުގެ ބޭފުޅުން ލަދުގަންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރައްޔިތުންގެ ފައިސާ ކައި ހުސްކޮށް، ތަކެތީގެ އަގު ބޮޑުކޮށް، ރައްޔިތުންނަށް އެއްވެސް މަންފާއެއް ނުވާ ބަޔަކަށް ވޯޓު ދޭކަށް ނުޖެހޭނެ. މިއީ ގައުމުގެ ތަރައްޤީއަށް އައިސް އުޅޭ ބައެއް ނޫން. މިއީ ވައްކަމާއި ފަސާދައިގެ މައްޗަށް ބިނާވެފައިވާ ބާޠިލް ސަރުކާރެއް،" ޣަފޫރު ވިދާޅުވިއެވެ.

ޣަފޫރު އިތުރަށް ވިދާޅުވީ، މި ސަރުކާރަކީ ދޮގު ހެދުމުގެ މައްޗަށް ބިނާވެފައިވާ ސަރުކާރެއް ކަމަށާއި، މި ސަރުކާރުން ދޭ އޯޑަރުތަކަށް ރައްޔިތުން ތަބާވާން ނުޖެހޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް އިންތިޚާބުތަކުގައި ރައްޔިތުން ނުކުމެ މި ސަރުކާރަށް ނޫނެކޭ ބުނާނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު