ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކައުންސިލް މެންބަރުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވާނަމަ ނުވަތަ ގާނޫނާ ޚިލާފު އަމަލެއް ހިންގައިފިނަމަ، ރައްޔިތުންގެ ސީދާ ވޯޓަކުން އެ ބޭފުޅަކު މަގާމުން ވަކިކުރެވޭނެ އުސޫލެއް ގާނޫނުއަސާސީގައި ހިމެނުމަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާނު ކުރައްވައިފިއެވެ.

ޒުވާނުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، މެންބަރުން ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ދިނުމުގެ ގޮތުން، ވަކި އަދަދެއްގެ ސޮޔާއެކު ޕެޓިޝަނެއް ހުށަހެޅޭނެ ނިޒާމެއް ތައާރަފުކުރައްވާނެ ކަމަށެވެ. މި ބަދަލާއެކު، ދައުރުގެ މެދުތެރެއިން މެންބަރެއްގެ ޝަރުތު އުނިވެއްޖެނަމަ، އެ މެންބަރަކު މަގާމުން ދުރުކުރުމުގެ އިޚުތިޔާރު ރައްޔިތުންނަށް ލިބިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދައުލަތުގެ ހިންގުމުގެ ނިޒާމަށް ގެންނަން ނިންމާފައިވާ މުހިންމު އިސްލާހުތަކުގެ ތެރޭގައި، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހަކު ބޭއްވުމާއި، ރިޔާސީ ދައުރު ފެށޭ ތާރީޚަކީ ނޮވެމްބަރު 11 ކަމުގައި އަލުން ހަމަޖެއްސުން ހިމެނެއެވެ. މީގެ އިތުރުން، އިންތިޚާބުތައް އެއް ބުރުން ނިންމާލުމަށް މަގުފަހިކުރުމުގެ ގޮތުން 'ޕްރިފަރެންޝަލް ވޯޓިންގ' ނިޒާމެއް ތައާރަފުކުރުމުގެ ދިރާސާތައް ކުރަމުންދާކަން ވެސް ރައީސް ހާމަކުރެއްވިއެވެ.

ސަރުކާރުގެ އިސްލާހީ މަސައްކަތްތަކުގެ ތެރޭގައި، މަޖިލީހުގައި އަންހެނުންނާއި ޒުވާނުންނަށް ޚާއްސަ ގޮނޑިތަކެއް ކަނޑައެޅުމާއި، މެންބަރުންގެ އަދަދު ވަކި މިންވަރެއްގައި ހިފެހެއްޓުން ހިމެނެއެވެ. މި ހުރިހާ ބަދަލުތަކެއް ގެނައުމުގައި ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓެއްގެ ނަތީޖާއަށް އިސްކަން ދެއްވާނެ ކަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު