ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް-
ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް-
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި، ރިފަރަންޑަމް ވޯޓާ ދިމާކޮށް ސަރުކާރުން ނާޖާއިޒު ނުފޫޒު ފޯރުވަމުންދާ ކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހްމަދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އަންނަ އެޕްރިލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޖަމީލް ވަނީ ސަރުކާރުގެ އަމަލުތައް ހުރީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ވެވަޑައިގަތް ވައުދުފުޅުތަކާ މުޅިން އިދިކޮޅަށް ކަމަށް ތުހުމަތު ކުރައްވާފައެވެ.

ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގަތީ އިންތިޚާބުތަކަށް ނުފޫޒު ފޯރުވުމަށް އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށާއި، އިންތިޚާބުތަކާ ދިމާކޮށް ވަޒީފާ ނުބައްސަވާނެ ކަމަށް ވައުދުވަމުންނެވެ. ނަމަވެސް، އިންތިޚާބު ކައިރިވަމުންދާ ވަރަކަށް ފެންނަނީ އެ ވައުދުތަކާ މުޅިން އިދިކޮޅު މަންޒަރެއް ކަމަން ސަރުކާރަށް އާންމުންގެ ފާޑުކިޔުންތައް ވެސް ވަނީ އަމާޒުވެފައެވެ. ވަކިން ހާއްސަކޮށް، އިންތިޚާބު ބޯމަތިވެފައި ވަނިކޮށް ސަރުކާރުގެ ކުންފުނިތަކުން ގިނަ އަދަދެއްގެ ވަޒީފާތައް އިއުލާންކޮށް، ސިޔާސީ މަގާމުތައް އިތުރުކުރަމުންދާ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ.

މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި ޖަމީލް ވަނީ މި ނޫން ދެވަނަ ވާހަކައެއް އެބަ އަޑު އިވޭތޯ ވިދާޅުވެ ސުވާލުކުރައްވާފައެވެ.

"މިނޫން ދެވަނަ ވާހަކައެއް އެބަ އަޑު އިވޭތޯ؟ ރާއްޖޭގައި ގާނޫނުގެ ވެރިކަމެއް ނެތްތަން މިފެންނަނީ. މިއަދު އޭސީސީ އަކަށް ޙަރަކާތްތެރި ނުވެވޭގޮތް މުއިއްޒުވަނީ ދުރާލާ ރާވާފަ،" ޖަމީލް ވިދާޅުވިއެވެ.



ސަރުކާރުގެ ކުންފުނިތަކުން ވަޒީފާ ބަހަމުންދާ ކަމަށް އިޝާރާތް ކުރައްވައި ޖަމީލް ވިދާޅުވީ، އެމްޓީސީސީން އެކަނިވެސް 1000 އަށްވުރެ ގިނަ ވަޒީފާ އިއުލާންކޮށްފައިވާ ކަމަށާއި، ވުޒާރާތަކުން އަތޮޅުތެރޭގައި 'ކަޑަޖެހުމުގައި' އަވަދިނެތި އުޅޭ ކަމަށެވެ.

"އެކަމަކު ދެވޯޓް އެއްކުރަނީ ކަޑަޖަހަން ބޭނުން ނުވާތީއޯ! ދޮގުހަދަމުންގޮސް މުއިއްޒަށް މިހާރު އެއީ މައްސަލައެއް ނޫންކަމަށް ވެއްޖެ. މިފަދަ ދޮގު ވެރިޔަކާއިއެކު ގައުމަށް ލިބޭނީ ހުސް މުސީބާތާ ނިކަމެތިކަން. ހަމަ އަންތަރީސް ވެއްޖެ! މިއިންތިޚާބަށް ސަރުކާރުގެ ހުރިހާ ނާޖާއިޒު ނުފޫޒަކާ ބާރު އެބަފޯރުވާ!" ޖަމީލް ވިދާޅުވިއެވެ.

ޖަމީލްގެ ވާހަކަ ނިންމާލައްވަމުން ވިދާޅުވީ، ގައުމަށް ހެޔޮއެދޭނަމަ ސަރުކާރު ހިންގާ ޕީއެންސީއަށް ނޫނެކޭ ބުނަންޖެހޭކަން މިފެންނަ މަންޒަރުތަކުން ސާފުވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް