ފަތުރުވެރިކަމާއި، މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ތޯރިގު އިބްރާހީމް
ފަތުރުވެރިކަމާއި، މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ތޯރިގު އިބްރާހީމް
ދިވެހިރާއްޖޭގެ ގުދުރަތީ ރީތިކަމާއި، ފަތުރުވެރިކަމުގެ ސިނާއަތް ހިމާޔަތްކުރުމުގެ ގޮތުން، ރަށްރަށުގެ މޫދަށާއި ގޮނޑުދޮށްތަކަށް ކުނި އެޅުން ހުއްޓުވުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ނިންމައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ފަތުރުވެރިކަމާއި، މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ތޯރިގު އިބްރާހީމް ވިދާޅުވީ، ކުނި މެނޭޖުކުރުމުގެ ނިޒާމު ހަރުދަނާކޮށް، ގަވައިދާ ހިލާފަށް ކުނި އަޅާ ފަރާތްތައް ޖޫރިމަނާކުރެވޭނެ ފަދަ ގާނޫނީ އޮނިގަނޑެއް މިހާރު އެކުލަވާލަމުންދާ ކަމަށެވެ. މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް، އިގްތިސާދީ ގޮތުން ދެމެހެއްޓެނިވި ތަރައްގީއެއް ގާއިމުކުރުމެވެ.

ވަޒީރު ތޯރިގު ވިދާޅުވީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މޫދަށާއި ގޮނޑުދޮށްތަކަށް ކުނި އަޅާ މައްސަލަތައް ދޭތެރެއަކުން ފެންމަތިވަމުންދާ ކަމަށެވެ. "މަދު ފަހަރެއްގައި އަޅުގަނޑުމެންނަށް އެބަ ދިމާވޭ މޫދަށް ކުނި އެޅުން. ރަށްރަށުގައި ކުނި އަޅަން ނުޖެހޭ ތަންތަނަށް ކުނި އެޅުން. ގޮނޑުދޮށަށް ކުނިއެޅުން. އެކަންތައްތައް ކުރާ ފަރާތްތައް މި ގާނޫނުގެ ދަށުން އަޅުގަނޑުމެން 'ލައެބަލް' ކުރުވާނަން. އަދި އޭގެ އިތުރަށް ޖޫރިމަނާ ކުރަންޖެހޭ ފަރާތްތައް ޖޫރިމަނާ ވެސް ކުރާނަން." ވަޒީރު ވިދާޅުވިއެވެ.

ހަމައެއާއެކު ރާއްޖޭގެ ތިމާވެއްޓާއި ޤުދުރަތީ ވަސީލަތްތަކަކީ ޤައުމުގެ އިޤްތިޞާދާ ސީދާ ގޮތުން ގުޅިފައިވާ ކަންކަން ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ތިމާވެށި ހަލާކުވުމަކީ އޭގެ ނޭދެވޭ އަސަރު އިގްތިޞާދަށް ކުރާނެ ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އޭގެއިތުރުން ވަޒީރު ވިދާޅުވީ ކުނީގެ މައްސަލަ ދާއިމީކޮށް ހައްލު ކުރެވެން އޮތީ ރައްޔިތުންގެ ހޭލުންތެރިކަން އިތުރުވެގެން ކަމަށެވެ. އެހެންކަމުން، ގަވައިދުތައް ތަންފީޒު ކުރުމުގެ އިތުރުން، ރައްޔިތުން ހޭލުންތެރި ކުރުވުމުގެ ހާއްސަ ޕްރޮގްރާމްތަކެއް ވެސް ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު