ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ
މަތީ ސާނަވީ ތައުލީމު ނިންމާ ދަރިވަރުންނަށް ސަރުކާރުން ދޫކުރާ "ހައި އެޗީވާސް ސްކޮލަޝިޕް" ދިނުމުގެ އުސޫލަށް މިހާރުގެ ސަރުކާރުން ގެނައި ބަދަލުތަކަކީ ދަރިވަރުންގެ މެދުގައި އޮތް ހަމަހަމަކަން ގެއްލި، އެ ކުދިންގެ ކުރިމަގަށް އެޅުނު ބޮޑު ހުރަހެއްގެ ގޮތުގައި ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ސިފަކުރައްވައިފިއެވެ.

ހައި އެޗީވާސް ސްކޮލަޝިޕް ދޭ އުސޫލަށް ގެނައި ބަދަލުތަކާ ގުޅިގެން މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ޑރ. އައިޝަތު އަލީ ވިދާޅުވީ، އޭ ލެވެލް އިމްތިހާނުގެ ނަތީޖާއަށް ބިނާކޮށް ދޭ މި ސްކޮލަޝިޕަށް ގެނައި ބަދަލަކީ ބޭއިންސާފު ނިންމުމެއް ކަމަށެވެ. ހާއްސަކޮށް ދަރިވަރުން ކުރިއަށްދާން ބޭނުންވާ ދާއިރާއާ ގުޅުމެއް ނެތް މާއްދާތަކެއްގެ ސަބަބުން، އެ ކުދިންގެ ކުރިމަގުގެ ފުރުސަތުތައް ހަނިވެގެން ދިއުމަކީ ނުހަނު ބޮޑު ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. އައިޝަތު އަލީ ފާހަގަކުރެއްވި ގޮތުގައި، މިފަދަ ސިޔާސަތުތަކުގެ ސަބަބުން ދަރިވަރުންގެ ހަގީގީ ގާބިލިއްޔަތާއި ހުނަރު ވަޒަންކުރުމުގެ ބަދަލުގައި، އެ ކުދިންނަށް މަތީ ތައުލީމަށް ވާސިލްވުމަށް އޮތް މަގުތައް ބަންދުވެގެންދާނެއެވެ. އަދި މިއީ ސްޓްރީމް މާއްދާތަކުން މަތީ ނަތީޖާ ހޯދުމަށް ރެޔާއި ދުވާލު ގަދައަޅާ މަސައްކަތްކުރާ ދަރިވަރުންގެ ހައްގުތަކަށް އުނިކަން އަންނާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މިފަދަ ސިޔާސަތުތަކުގެ ސަބަބުން، ދަރިވަރުންގެ ހަގީގީ ގާބިލިއްޔަތާއި ހުނަރު ވަޒަންކުރުމުގެ ބަދަލުގައި އެ ކުދިންނަށް ކުރިއަށް ދިއުމަށް އޮތް މަގުތައް ބަންދުވެގެންދާނެ" ޑރ. އައިޝަތު އަލީ ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. އައިޝަތު އަލީ ވިދާޅުވީ، އޭނާގެ އުއްމީދަކީ މި ބަދަލުގެ ސަބަބުން ދަރިވަރުންނަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކަށް ރިއާޔަތްކޮށް، ހުރިހާ ދަރިވަރުންނަށްވެސް ހަމަހަމަ ފުރުސަތުތަކެއް ލިބޭނެ ފަދަ ގޮތަކަށް މި އުސޫލު އަލުން މުރާޖައާ ކުރެވިގެން ދިއުން ކަމަށެވެ.

ކުރިން އަމަލުކުރަމުން އައި އުސޫލުގައި، ހައި އެޗީވާސް

ސްކޮލަޝިޕް ލިބެނީ މަތީ ސާނަވީ އިމްތިހާނުގެ ފަސް މާއްދާއިން 'އޭ' ގްރޭޑް ހޯދާ ދަރިވަރުންނަށެވެ. ނަމަވެސް، މި ސަރުކާރުން ގެނައި ބަދަލާއެކު، މިހާރު މި ސްކޮލަޝިޕް ލިބޭނީ އޭ ލެވެލް އިމްތިހާނުން މަދުވެގެން އެއް މާއްދާއިން 'އޭ ސްޓާ' އެއް ހޯދައިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު