ހިޔާ ފްލެޓުތައް-
ހިޔާ ފްލެޓުތައް-
ހުޅުމާލޭގެ ހިޔާ ފްލެޓުތަކުގެ ފިނިޝިން މަސައްކަތަށް އާންމުން ކުރި ޚަރަދުތައް ހަމަޖައްސައިދިނުމުގެ ގޮތުން، ދެ އަހަރު ދުވަހުގެ ކުލި ކަނޑާލުމަށް ސަރުކާރުން ނިންމައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހެއިރު، ފްލެޓުތަކުގެ ވެރިންނަށް މިދިޔަ ހަފުތާގައި ފޮނުއްވި ސިޓީއެއްގައިވާ ގޮތުން، ފްލެޓުގެ ފިނިޝިންއަށް ކޮންމެ އެޕާޓްމަންޓަކަށް ކަނޑައަޅާފައިވާ 200,000ރ. ގެ ޑިސްކައުންޓް ދިނުމުގެ މަސައްކަތް އަންނަ ބުދަ ދުވަހުން ފެށިގެން ކުރިއަށްދާނެއެވެ. އެގޮތުން، މިހާތަނަށް ކުލީގެ ގޮތުގައި ނުދެއްކި ހުރި ފައިސާ އެ ޑިސްކައުންޓުން އުނިކުރުމަށްފަހު، ބާކީވާ ބަޔަށް ބަލައި ކުލި ދައްކަން ނުޖެހޭ މުއްދަތު ކަނޑައަޅާނެއެވެ.

އެޗްޑީސީން ހާމަކުރި ގޮތުގައި، މި ޑިސްކައުންޓްގެ ސަބަބުން ގިނަ ފްލެޓުތަކަކުން ދެން ކުލި ދައްކަން ޖެހޭނީ 1 މެއި 2028 އިން ފެށިގެންނެވެ. ނަމަވެސް، ކުލި ކަނޑާލާފައިވާ މުއްދަތުގައި ވެސް ކޮންމެ މަހަކު ދައްކަންޖެހޭ 1,000ރ. ގެ މެނޭޖްމަންޓް ފީ ދައްކަން ޖެހޭނެއެވެ. ޑިސްކައުންޓުގެ އަދަދު ހަމަވުމަށްފަހު، ފްލެޓުގެ އަގު އެއްކޮށް ދައްކާ ހަލާސްކުރެވެންދެން މަހު ކުލީގެ ގޮތުގައި ދައްކަން ޖެހޭނީ 5,300ރ. އެވެ.

މި ސަރުކާރުން މީގެ ކުރިން ގެނައި ބަދަލާއެކު، ހިޔާ ފްލެޓެއްގެ މަހު ކުއްޔަކީ 3,984ރ. އެވެ. މެއިންޓަނެންސް ފީއާ އެކު މިހާރު މަހަކު ދައްކަން ޖެހެނީ 4,984ރ. އެވެ.

އެޗްޑީސީން ބުނީ މި ގެނައި ބަދަލާ ގުޅިގެން އެއްބަސްވުންތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމާއި، އޮންލައިން ޕޯޓަލްއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. މާޗު މަސް ނިމުމުން، ކޮންމެ ފްލެޓެއްގެ ވެސް ފައިސާގެ ތަފްސީލުތައް ޕޯޓަލް މެދުވެރިކޮށް ފެންނަން ހުންނާނެ ކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތު ދެއެވެ.

ހިޔާ ފްލެޓުތަކުގެ ކުލި ނުދައްކައިގެން މިދިޔަ ޑިސެމްބަރު މަހާ ހަމައަށް އަރާފައިވާ ޖޫރިމަނާތައް ވެސް މި ސަރުކާރުން ވަނީ މީގެ ކުރިން މާފުކޮށްދީފައެވެ.



ކިޔުންތެރިންގެ ހިޔާލު