ރައީސްގެ ސްކޮލަޝިޕް ހަވާލުކުރުން
ރައީސްގެ ސްކޮލަޝިޕް ހަވާލުކުރުން
މަތީ ސާނަވީ އިމްތިހާނުން އެންމެ މަތީ ނަތީޖާ ހޯދާ ދަރިވަރުންނަށް ސަރުކާރުން ދޭ "ރައީސްގެ ސްކޮލަޝިޕް" ގެ ދަށުން، ދަރިވަރުން ބޭނުން ކޮންމެ ދާއިރާއަކުން ކިޔެވޭ ގޮތަށް އުސޫލު އަލުން ބަދަލުކޮށްފިއެވެ.

މިއަދު މިބަލު ގެނެސްފައިވާއިރު، ރައީސްގެ ސްކޮލަޝިޕްގެ ދަށުން ކިޔެވޭނީ ހަމައެކަނި 'ޓްރެއިނިން ނީޑްސް ރިކުއަޔާމަންޓް ލިސްޓު' ގައި ހިމެނޭ 27 ދާއިރާއަކުން ކަމަށް އިއްޔެ އިއުލާނުކުރުމާ ގުޅިގެން އާންމުން ވަނީ އެކަމާ ދެކޮޅަށް މީސްމީޑިއާގައި ޚިޔާލުފާޅު ކުރަން ފަށާފައެވެ. ހަޔަރ އެޑިއުކޭޝަނުން އިއްޔެ އާންމުކުރި އުސޫލުގައިވަނީ، އަންނަ އަހަރުން ފެށިގެން ދަރިވަރުން ކިޔަވަންޖެހޭނީ ސިއްހީ، ތައުލީމީ އަދި ފަތުރުވެރިކަމުގެ ދާއިރާ ހިމެނޭ ގޮތަށް ގައުމަށް އެންމެ ބޭނުންވާ ދާއިރާތަކުން ކަމަށެވެ.

ނަމަވެސް، މިއީ ދަރިވަރުން ކުރާ ބުރަ މަސައްކަތުން ހޯދާ ނަތީޖާއަކަށް ވުމުން، އެކުދިން ބޭނުން ދާއިރާއަކުން ކުރިއަށް ދިއުމުގެ ފުރުސަތު އޮންނަންވާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ނުރުހުން ފާޅު ކޮށްފައެވެ. މި ކަންބޮޑުވުންތަކާ ގުޅިގެން ސަރުކާރުން ވަނީ ރޭގެ ވަގުތެއްގައި އުސޫލު އަލުން އިސްލާހުކޮށް، ކުރިއެކޭވެސް އެއްގޮތަށް ބޭނުން ކޮންމެ ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު ދަރިވަރުންނަށް އޮތް ކަމަށް ބުނެފައެވެ.

އައު އުސޫލަށް ގެނެވުނު އިތުރު ބަދަލުތަކުގެ ތެރޭގައި، ސްކޮލަޝިޕްގައި ކިޔަވަން ދެވޭ ގައުމުތައް ވަނީ ކަނޑައަޅާފައެވެ. މީގެ ކުރިން ބޭނުން ކޮންމެ ގައުމަކަށް ދިއުމުގެ ފުރުސަތު އޮތް ނަމަވެސް، ދެން ދަރިވަރުންނަށް ކިޔަވަން ދެވޭނީ ރާއްޖެއާ ހާރިޖީ ގުޅުން ގާއިމްކޮށްފައިވާ އަދި ރައްކާތެރި ގައުމުތަކަށެވެ. އަދި ރާއްޖޭގައި ތިބެގެން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން، މާލީ އިނާޔަތެއްގެ ގޮތުގައި މަހަކު 6،000 ރުފިޔާ ދިނުމަށް ވެސް ވަނީ ނިންމާފައެވެ.

ރައީސްގެ ސްކޮލަޝިޕަށް ޝަރުތު ހަމަވަނީ ދިވެހި އަދި އިސްލާމް ހިމެނޭހެން މަތީ ސާނަވީ އިމްތިހާނުގެ ފަސް މާއްދާއިން 'އޭ ސްޓާ' ހޯދުމާއެކު، އޯލެވެލް ނުވަތަ އެއަށްވުރެ މަތިން އިނގިރޭސި މާއްދާއިން 'ސީ' ފާހަށް ވުރެ މަތީ ނަތީޖާއެއް ހޯދާފައިވާ ދަރިވަރުންނަށެވެ.



ކިޔުންތެރިންގެ ހިޔާލު